މެދުއިރުމަތީގައި މިހާރު އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާއިރު، އެ ތަނުގައި ތިބި ދިވެހީންގެ ހާލަތު ފޮރިން މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށް، ހަމަލަތައް ކުރިއަށްދާތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލް ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
މިވަގުތު އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހި ރައްޔިތުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ގައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13ވީ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ދެވަނަ ހަފުތާއެވެ. އިޒްރޭލު ބުނާގޮތުން އެ ހަމަލާތައް ދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.
މި ހަނގުރާމައާ ގުޅިގެން އެމެރިކާއިން މީގެ ދެ ދުވަސް ކުރިން ވަނީ އީރާނާ ދެކޮޅަށް ބާރުގަދަ ހަމަލާތަކެއް ވެސް ދީފައެވެ. އީރާނުން ސުލްހަ ނުވެއްޖެނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިފަހުން އިންޒާރު ވެސް ދީފައެވެ.
އެފަހުން ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ރޭ ވަނީ ހަމަލާދީފައެވެ.
އެއާއެކު ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅު ވެސް ވިއެވެ.
ހަނގުރާމައިގެ ސަބަބުން އިގްތިސޯދީ ގޮތުން ވެސް އެތައް ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ.
އެގޮތުން ރޭގެ ހަމަލާގެ ސަބަބުން ގަތަރާއި ދުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ޑިލޭ ވުމުގެ ކަންބޮޑުވުން ވެސް ވަނީ ފެންމަތިވެފައެވެ.
އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު ދުނިޔޭގެ ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ. އެގޮތުން, ތެލުގެ ބެންޗްމާކް ކަނޑައަޅާ ބްރެންޓް ކްރޫޑް އަދި ނައިމެކްސް ލައިޓް ސްވީޓުގެ ތެލުގެ އަގު ވަނީ 10 ޕަސަންޓު މަތިވެފައެވެ.
ތެލުގެ އަގަށް އަންނަ ބަދަލުން އެހެނިހެން ހުރިހާ ތަކެތީގެ އަގަށް ބަދަލު އަންނާނެއެވެ.