ހަމަލާތައް ހުއްޓާލުމަށް އީރާނުން އެއްބަސްވެއްޖެ

އިސްރާއީލުގެ ދެކުނުގައި އޮންނަ ނޭގޭވް އަށް އީރާނުން މިއަދު ދިން މިސައިލް ހަމަލާއެއް. ފޮޓޯ/ޖޭރުސަލާމް ޕޯސްޓް

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފިއެވެ.

އީރާނުން އެގޮތަށް ބުނީ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުންވެސް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މާ ގިނަ ވަގުތު ނުވަނީހެވެ.

އެކަމާ ގުޅިގެން އިސްރާއީލުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އީރާނުން އެ ގައުމަށް އަދިވެސް ހަމަލާތައް ދެމުން އަންނަ ކަމަށް އިސްރާއީލުން ބުނެއެވެ.

އީރާނުން އެކަން އިއުލާނުކުރުމުގެ ކުޑައިރުކޮޅެއް ކުރިންވެސް ވަނީ އިސްރާއީލަށް ފުލުފުލުގައި ހަމަލާތައް އަމާޒުކޮށްފައެވެ. އެ ހަމަލާތަކުގައި ބަޔަކު ވަނީ މަރުވެފައެވެ.

އިރާނުން އިސްރާއީލަށް ހަތަރު މިސައިލް ހަމަލާ ފޮނުވާލާފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުނެއެވެ. ހެނދުނުގެ ވަގުތެއްގައި އިސްރާއީލުގެ ދެކުނުގައި ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެ އަށް މީހަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުންވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ އިންސްޓޯލޭޝަން ކަމަށްވާ ގަތަރުގެ އަލް އުދައިދު އެއާ ބޭސްއަށް އީރާނުން މިސައިލްތައް ފޮނުވާލިތާ ގަޑިއެއްހާއިރު ފަހުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ސަރަހައްދީ މައި މަރުކަޒުގެ ގޮތުގައި މަސައްކަތްކުރާ އަލް އުދެއިދުގައި ގާތްގަނޑަކަށް 10،000 އެމެރިކާ ސިފައިން ތިބެއެވެ.

comment ކޮމެންޓް