ޑޮލަރެއްގެ އަގު 20 ރުފިޔާއާ ގާތަށް

މީހަކު ޑޮލަރުތަކެއް ގުނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޒަރޫރީ ބޭނުންތަކަށް ވެސް ކަޅު ބާޒާރުން ޑޮލަރު ގަތުން މަޖުބޫރުވެފައިވާ ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު 20 ރުފިޔާއާ ގާތަށް ޖެހިއްޖެއެވެ.

ޑޮލަރު އަގު ބޮޑުވުމާ އާއްމުންގެ ދިރިއުޅުން ދަތިވުމާ ބޮޑު ގުޅުމެއް އޮތްއިރު މިއަދު ރާއްޖޭގެ ކަޅު ބާޒާރުގައި އެއް ޑޮލަރު ގަންނަން ލިބޭ އަގަކީ 19.65 ރުފިޔާއާއި 19.70 ރުފިޔާއެވެ.

އެއް ޑޮލަރު ގަންނަން ލިބޭ އަގު 19 ރުފިޔާއަށް ވުރެން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މިހާރު މިދާ ރޭޓުން ދާނަމަ ދާދި އަވަހަށް 20 ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ވިޔަފާރި ކުރާ މީހުން ބުނެއެވެ.

https://www.sun.mv/204134

މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 18.20 ރުފިޔާއާއި 18.30 ރުފިޔާއާ ދޭތެރޭގައެވެ.

ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް, އެ ރޭޓްގައި ޑޮލަރު ގަންނަން ލިބެނީ ވަރަށް ވެސް މަދު ހާލަތެއްގައެވެ.

ޑޮލަރުގެ އަގު ބޮޑުވުމާއި އާއްމުންގެ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާ ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ. އެއީ, ރާއްޖެއަކީ އުފެއްދުންތެރިކަން ވަރަށް ދަށް ގައުމަކަށް ވުމުން އެންމެ އަސާސީ ތަކެތީން ފެށިގެން ބޭނުންވާ ހުރިހާ އެއްޗެއްސަކީ އިމްޕޯޓް ކުރާ ސާމާނެވެ. އެ މުދަލަށް ވިޔަފާރިވެރިން އަގު ދައްކަނީ ކަޅު ބާޒާރުން ޑޮލަރު ގަނެގެންނެވެ. އެހެންކަމުން ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވާ ވަރަކަށް މުދަލުގެ އަގު އުފުލޭނެއެވެ. މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 760.1 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ހަމައެހެންމެ ޑޮލަރު އަގު ބޮޑުވުމަކީ އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭތީ ރާއްޖޭން ބޭރަށް ދަތުރު ކުރަން ޖެހޭ ގިނަ އަދަދެއްގެ ބަޔަކަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ހަމައެއާއެކު ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ވެސް މިއީ ބޮޑު ގޮންޖެހުމެކެވެ.

ސަރުކާރުން ދިން ޔަގީންކަމާއި ނަތީޖާ ދިމާނުވޭ

މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. އެ ދުވަސްވަރު ދުބާއީގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ, ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

https://sun.mv/188628

އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ.

އެއާއެކު ސަރުކާރުން ވަނީ ޑޮލަރުގެ ކޮންޓްރޯލް ނެގުމަށް ގިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށައިފައެވެ. އެގޮތުން, އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު، ގެސްޓްހައުސްތަކުން 25 ޑޮލަރު ބޭންކުތަކުގައި މާރުކުރަން ޖެހެއެވެ.

އެ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރު ކުރަން ޖެހޭނެއެވެ. އަދި ޖޫން މަހުން ފެށިގެން އެ 60 ޕަސެންޓް 90 ޕަސެންޓަށް އެމްއެމްއޭއިން ވަނީ އިތުރު ކޮށްފައެވެ.

މި އުސޫލުގެ ދަށުން ގިނަ އަދަދެއްގެ ޑޮލަރު ރިސޯޓްތަކުން ބޭންކުތަކަށް ވަނީ މާރުކޮށްފައެވެ. އެ އަދަދުތައް ދޭތެރެ ދޭތެރެއިން ސަރުކާރުން ހާމަ ކުރެއެވެ. ނަމަވެސް, ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގަކަށް ހެޔޮ ބަދަލެއް އަންނަން އުޅޭތަނެއް ވެސް އަދި ނުފެއެވެ.

މިދިޔަ އޭޕްރީމް މަހުގެ ފަހުކޮޅު ރައީސް މުއިއްޒު ވިދާޅުވީ, މިހާރު ބެލެވޭގޮތުގައި ރާއްޖެއަށް ކުރިމަތި ވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރުގެ އަގު 2027 ނިމުމުގެ ކުރިން 15.42އަށް ދަށްކުރެވޭނެއެވެ.

ހަމަ އެ ދުވަސްވަރު އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ޑޮލަރުގެ އަގުދަށްވެ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު އެ ޔަގީންކަން ދެއްވި ނަމަވެސް ތަފާސްހިސާބުތަކުން އަދި ފެންނަނީ އެ މަންޒަރެއް ނޫނެވެ.

comment ކޮމެންޓް