ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޘުންނަށް ދައުލަތުން ދޭ އިނާޔަތް މިހާރަށްވުރެ ދެ ގުނަ ބޮޑުކޮށް، ޖުލައި އެކަކުން ފެށިގެން ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ލިބޭ އިނާޔަތް ދެގުނަ ކުރަން ނިންމެވިކަން ރައީސް އިއުލާނުކުރެއްވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިދިޔަ އަހަރުގެ ޖުލައި 16ވަނަ ދުވަހުގެ ރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެއާއެކު މިއަދު ރައީސްވަނީ އަންނަ މަހުން ފެށިގެން އިނާޔަތް ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ރައީސް ވިދާޅުވީ މީގެކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ.
ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން އެ ކަމަށް ޚާއްސަ ހޭދައެއްކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހާފިޘުންނަށް މިހާރު ލިބެނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެހެންކަމުން ދެން އެ އިނާޔަތް 4،000 ރުފިޔާ އަށްވުރެ މަތިވާނެއެވެ.
ހާފިޘްކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ޚާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޘުންނަށް ލިބޭނެއެވެ.