ޖާހު މައްސަލަ ކޯޓަށް ހުށަހެޅުމުން އެޗްޑީސީން ޝުނާނާއަށް 'އުނދަގޫކުރާތީ' ހައިކޯޓުން ފިޔަވަޅު އަޅައިފި

ޖާހު މައްސަލައިގައި ޝުނާނާ އެންޑް ކޯ ލޯފާމުގެ ފަރާތުން ވަކީލް ޝުނާނާ ރައީސް އޮފީސް ކައިރިއަށް ވަޑައިގަތުން: ޖާހު މައްސަލަ ކޯޓަށް ހުށަހެޅުމުން އެޗްޑީސީން ޝުނާނާއަށް 'އުނދަގޫކުރާތީ' ހައިކޯޓުން ވަނީ އެ ކޯޕަރޭޝަނަށް ފިޔަވަޅު އަޅައިފައި --

ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި ފުލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފުލެޓުތައް ނުލިބި ގެއްލުން ލިބެމުންދާތީ ވަކީލު މަރްޔަމް ޝުނާނާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވުމުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޝުނާނާއަށް އުނދަގޫ ކުރާ ކަމަށް ނިންމައި، ހައިކޯޓުން އެޗްޑީސީއަށް މިއަދު ފިޔަވަޅު އަޅައިފިއެވެ.

ޖާހު އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އައި ފުލެޓުތައް ނިންމަން ދިން މުއްދަތު ހަމަވިއިރު ވެސް މަސައްކަތް ނިމިފައިނުވާތީ މިދިޔަ މާރިޗް މަހު އެޗްޑީސީން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، ފުލެޓުތައް އަތުލައިފައެވެ.

https://sun.mv/203755

ޝުނާނާ އެންޑް ކޯގެ ނަމުގައި ލޯ ފާމެއް ހިންގާ ޝުނާނާ ވަނީ، ދަ ގާޑެންސްއިން އޭނާ ވެސް އެޕާޓްމެންޓެއް ގަނެފައިވާތީ، ޖާހާއި އެޗްޑީސީއާއި ޖާހުގެ ވެރީންނަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ވަނީ ޖާހުން ފުލެޓެއް ވިއްކަން ހެދި އެއްބަސްވުމާ ޚިލާފުވުމުން ޝުނާނާއަށް ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ޚަރަދު ހޯދައިދިނުމަށް އެދިފައެވެ.

އެ މައްސަލައިގައި މިދިޔަ ފެބްރުވަރީ މަހު ސިވިލް ކޯޓުން ހުކުމްކުރީ އެއްބަސްވުން ހެދީ ޝުނާނާއާއި ޖާހުއާ ދެމެދު އެކަނި ކަމަށްވުމުން، ދައުވާ ރައްދުވާ ކަމަށް ޝުނާނާ ފާހަގަކޮށްފައިވާ މީހުންނާއި އެޗްޑީސީ ހިމަނައިގެން މައްސަލަ ކުރިއަށްގެންދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ޝުނާނާ ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާކޮށްފައެވެ. އެއާއެކު އެޗްޑީސީން މިމަހުގެ ދެވަނަ ދުވަހު ހުށަހެޅީ، އިޖުރާއީ އިއުތިރާޟެކެވެ. އެގޮތުން، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 287 ވަނަ މާއްދާއާ ހަވާލާދީ، އިސްތިއުނާފުކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގައިދިނުމަށާއި، އެ ކަމަށް 15،000 ރުފިޔާ ބަހައްޓަން ޖެހޭ ކަމަށް ދެކޭ ކަމަށް ބުނެފައިވެއެވެ. އެ ފައިސާ ބަހައްޓަން ޝުނާނާ ނުކުޅެދިއްޖެ ނަމަ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްދިނުމަށް އެޗްޑީސީން ހުށަހެޅިއެވެ.

ޖާހު ކުންފުނިން ހަދާ ފުލެޓުތައް: އެޗްޑީސީން ވަނީ ފުލެޓުތައް އެ ކޯޕަރޭޝަނާ ހަވާލުކުރަން އަންގައިފައި -- ފޮޓޯ/ އެޗްޑީސީ

ޝުނާނާ ހުށަހެޅި ޖަވާބުގައި ވިދާޅުވީ، އިސްތިއުނާފީ މަރުހަލާގައި ޝަރީއަތުގެ ޚަރަދުގެ ސެކިއުރިޓީއަކަށް އެދޭ ހާލަތުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 251 ވަނަ މާއްދާގެ (ބ)ގައިވާ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވާކަން އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކުން ގާއިމުކޮށްދޭން ޖެހޭނެ ކަމަށެވެ.

އޭގެއިތުރުން، ޝަރީއަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް އިސްތިއުނާފުކުރާ ފަރާތަކަށް އެންގޭނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 251 ވަނަ މާއްދާގެ (ށ)ގައިވާ ފަދަ ހެކި ޚަރަދުގެ ސެކިއުރިޓީއަށް އެދި ހުށަހަޅާ ފަރާތުން ހުށަހެޅުމުން ކަން ޝުނާނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެފަދަ ޝަރުތެއް ފުރިހަމަ ކަމަށް ދެކޭ ގޮތެއް އަދި އެކަން އެނގޭނެ ފަދަ އެއްވެސް އެޗްޑީސީގެ ހުށަހެޅުމުގައި ނެތް ކަމަށް ޝުނާނާ ވިދާޅުވެފައިވެއެވެެ.

އެ މައްސަލައިގައި ޝަރީއަތަށް ފާހަގަވި ކަންތައްތަކުގެ ތެރޭގައި ވެސް ވަނީ، އިސްތިއުނާފު ކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަން ޖެހޭ ކަމަށް ބުނާ މާއްދާއިން މި މައްސަލައިގައި ހަމަވާ ޝަރުތުތައް އެޗްޑީސީން ބުނެދީފައިނުވާ ކަމަށާއި އެ ފައިސާ ބަހައްޓަން ޖެހޭ ކަމުގެ ހެއްކެއް ވެސް ހުށަހަޅައިފައިވާ ނުވާ ކަމަށް ބުނެފައެވެ.

އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ، އެޗްޑީސީގެ އިޖުރާއީ ހުށަހެޅުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުރިހަމަވާ ގޮތަށް ބަޔާންކޮށްފައި ނުވާތީ އިސްތިއުނާފުކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް ކޯޓުން ޝަރުތު ކުރަން ޖެހޭ ގާނޫނީ އެއްވެސް ބިނާއެއް ނެތް ކަމަށެވެ.

އެހެންވެ، އިސްއިތުނާފީ މައްސަލަ ބާތިލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.

އެ ހުކުމުގައި ވަނީ، އެ މައްސަލައިގައި އެޗްޑީސީން އިއުތިރާޟު ހުށަހެޅީ ޝުނާނާއަށް އުނދަގޫ ކުރުމުގެ ގޮތުންނާއި ޝަރީއަތުގެ ވަގުތު ބޭކާރު ކުރުމަށްކަން ފާހަގަކޮށްފައެވެ. އަދި އެކޯޓުން ވަނީ، އެޗްޑީސީން އިންސާފަށް ހުރަސް އަޅައި ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކަނޑައަޅައިފައެވެ.

އެޗްޑީސީ އޮފީސް: ހައިކޯޓުން ބުނީ، ޖާހު މައްސަލައިގައި އެޗްޑީސީން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް --- ފޮޓޯ: އެޗްޑީސީ--- ފޮޓޯ: އެޗްޑީސީ

ހައިކޯޓުން ވަނީ، ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ތަކުރާރު ނުކުރުމަށާއި ކުރިއަށް އޮތް ތަނުގައި ޝަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެ ކަމުގެ ޔަގީންކަން 30 ދުވަހުގެ ތެރޭގައި އެޗްޑީސީން ހައިކޯޓަށް ލިޔުމުން ހުށަހެޅުމަށް ހުކުމްކޮށްފައެެވެ.

ޖާހު ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑްންސް' ފްލެޓުތައް ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. ނަމަވެސް އަދި އަދަށްވެސް، އެ މަސައްކަތް ނިންމާފައެއް ނުވެއެވެ. އަދި އެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވުމާއެކު އެ މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފައެވެ.

އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެޗްޑީސީން އެކި ފަހަރު މަތިން އެ ކުންފުންޏަށް މުއްދަތު އިތުރުކޮށްދީފައިވެއެވެ. އެންމެ ފަހު ނޯޓިސް އެ ކުންފުންޏަށް ދިނީ މިދިޔަ ޖަނަވަރީ މަހުގެ 27ގައެވެ.

އެ ނޯޓިސްގައި ވަނީ، އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް 45 ދުވަހުގެ ތެރޭގައި ނުނިންމާ ހާލަތުގައި، ޖާހުއާއެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ކުންފުނީގެ އަތުން ނަގާނެ ކަމަށް އިންޒާރު ދީފައެވެ.

https://sun.mv/206842

އެޗްޑީސީން ބުނީ، އެ މުއްދަތުގެ ތެރޭގައި، އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރި މުއްދަތުގައި ޖާހުއިން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް އެ ކުންފުންޏަށް އެންގީއެވެ.

ޖާހު ފުލެޓުތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ (އާރުސީސީ)އާ މިމަހު ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް