ނަޝީދުގެ ޖަލްސާއަށް ވަޑައިނުގަނެވުމުން، ފޯނުން ގުޅުއްވައި ޞާލިޙް މަރުހަބާ ވިދާޅުވެއްޖެ

ރައީސް ސޯލިހާއި ރައީސް ނަޝީދު: ފޯނުން ގުޅުއްވާ ޞާލިހު ނަޝީދަށް މަރުހަބާ ދަންނަވައިފި ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އަލުން ގުޅުމުގެ އުފަލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވުމުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އެ މަނިކުފާނަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި އެ ޕާޓީގެ ރައީސްކަން ކުރެއްވި ނަޝީދު އެމްޑީޕީން ވަކިވެޑައިގަތީ ޞާލިޙާ ދެމެދު އުފެދުނު ދެބަސްވުންތަކަށް ފަހު 2023ގައެވެ. އެއަށް ފަހު އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ދަ ޑިމޮކްރެޓްސް އުފެއްދެވީއެވެ.

ނަޝީދާއި ދަ ޑިމޮކްރެޓްސް އަލުން އެމްޑީޕީއާ ގުޅެން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެކަން ރަސްމީކޮށް ފާހަގަކުރުމަށް ރޭ ހަފުލާ ބޭއްވީ ސަލްޓަން ޕާކުގައެވެ.

ޑިމޮކްރެޓްސްގެ ނިންމުމަށް ޞާލިޙް، ސޯޝަލް މީޑިއާގައި މަރުހަބާ ވިދާޅުވި ނަމަވެސް ޖަލްސާއަށް ވަޑައިނުގަންނަވައެވެ. އެ މަނިކުފާނުގެ ކޮއްކޮ އަދި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވަނީ ޞާލިޙަށް ޖަލްސާއަށް ވަޑައިނުގަނެވުނީ ރާއްޖެއިން ބޭރުގައި ހުންނެވުމުން ކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ އަރިސް ބޭފުޅަކު މިރޭ "ސަން"އަށް ވިދާޅުވީ ޞާލިޙް މިއަދު ނަޝީދަށް ފޯނުން ގުޅުއްވައި ވާހަކަދެއްކެވި ކަމަށެވެ. އަދި އެ ފޯނުކޯލުގައި ޞާލީޙް، ނަޝީދަށް މަރުހަބާ ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް މަރުހަބާ ކިޔަން އެމްޑީޕީން ބޭއްވި ޖަލްސާ: ދެ އަހަރަށް ފަހު ނަޝީދު ވަނީ އެނބުރި އެމްޑީޕީއަށް ގުޅިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ނަޝީދު ގުޅިވަޑައިގަންނަވަން ޖަލްސާ ބާއްވަން ތައްޔާރުވަމުން ދަނިކޮށް, އާދިއްތަ ދުވަހުގެރޭ ޞާލިޙް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ. ދެ ބޭފުޅުންގެ މެދުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަވެރިކަން ބޮޑުވިއެވެ.

ރައީސް ޞާލިހާއި ނަޝީދާ ދެބޭފުޅުންނަކީ ކުޑައިރުންސުރެ ވެސް ވަރަށް ގާތް ދެ ރަހުމަތްތެރީންނެވެ. ނަމަވެސް ދެބޭފުޅުންގެ ގުޅުން ހީނަރުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ދެބޭފުޅުން ވާދަކުރައްވާ ނަޝީދަށް އިންތިޚާބު ނާކާމިޔާބުވި ހިސާބުންނެވެ.

އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވިއެވެ. އެ ހިސާބުން އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީއެވެ. ނަޝީދު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.

އެމްޑީޕީއަށް ފާޑުކިޔުމަށް ފަހު ޑިމޮކްރެޓްސްއިން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވަކިން ވާދަކޮށްފައެވެ. ނަމަވެސް އެ ޕާޓީއަށް ލިބިފައިވަނީ އެންމެ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ.

ނަމަވެސް އެމްޑީޕީ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.

އޭގެ ފަހުން، އެ މަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް ކަމަށްވާ ހަސަން ލަތީފާއި ޝިފާޒްގެ އިތުރުން ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ފުރަތަމަ ހުންނެވި އަލީ އާޒިމް ވަނީ ކުއްލިއަކަށް އެކީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތީ ނަޝީދު އަންގަވައިގެން ކަމަށް ތުހުމަތުކުރެވިފައި އޮއްވައި ނަޝީދު ވަނީ 'އެމްޑީޕީއަކީ ދަރިއެއް'ފަދަ ޕާޓީއެއް ކަމަށް ވިދާޅުވެ، ދެ ޕާޓީއަށް ވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/207681

ރޭ އެ ޕާޓީއަށް އަލުން ސޮއިކުރެއްވުމަށްފަހު ނަޝީދު ވަނީ، މުޅި ހަޔާތް ހޭދަކުރެއްވީ އެމްޑީޕީއަށްޓަކައި ކަމަށާއި އަބަދު ވެސް އެންމެ އެދެނީ އެ ޕާޓީއަށް ކާމިޔާބީއަށް ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވަނީ، ރޭ ކުރެވުނީ އެނބުރި 'ގެއަށް' ވަޑައިގެންނެވުމުން ކުރެއްވޭ އިހުސާސެއް ކަމަށްވެސް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ނަޝީދުގެ ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.

comment ކޮމެންޓް