ޅ. މަޑިވަރު އެއާޕޯޓު ކައިރިން މިރޭ ލޯންޗަކާއި ޑިންގީއެއް ޖެހި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑު މަތިން ލޯންޗަކާއި ޑިންގީއެއް ޖެހިފައިވާ މައްސަލައެއްގެ ރިޕޯޓް މިރޭ 20:26ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށް ފަހު ގެއްލިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައިނުވޭ،" ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވާ ގޮތުން އެކްސިޑެންޓުވި ޑިންގީ ނިސްބަތްވަނީ ޅ. ހިންނަވަރަށެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވިދާޅުވީ، އެ ރަށުގެ ޑިންގީއަކާއި ރިޒޯޓެއްގެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިންގާފައިވާކަމުގެ މައުލޫމާތު ދާދި ދެންމެއަކު ލިބިފައި ވާކަމަށެވެ.
އެ އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް އަނިޔާއާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނިޔާވި މީހުންނާ ގުޅޭ ގޮތުން، ޅ. އަތޮޅުގެ ހޮސްޕިޓަލުގެ މިހާތަނަށް ލިބިފައިނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން، އެކްސިޑެންޓުވި ޑިންގީގެ ބައެއް އަޑިއަށް ގޮސްފައިވާ މަންޒަރު ފެނެއެވެ. އަދި ޑިންގީގެ ކުރީކޮޅު ފަޅައިގެންގޮސްފައިވާއިރު ލޯންޗަށް މާބޮޑު ގެއްލުމެއް ވެފައިވާތަނެއް ނުފެނެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.