ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން ދެ ދަރިން ބަންގްލަދޭޝަށް

ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް ދަރިކަލުން މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރައިފި -- ފޮޓޯ/ ފޭސްބުކް: ޚިދުމަތް ޖަމިއްޔާ

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް ދަރިކަލުން މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރައިފިއެވެ.

ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ މި މަހުގެ ނުވައެއްވީ ހޯމަ ދުވަހު، އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ޝެއިޚް ފަރީދު މަސައްކަތްކުރެއްވި ޚިދުމަތް ޖަމިއްޔާގެ ފަރާތުން ނިންމަވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.

https://sun.mv/207165

ޚިދުމަތް ޖަމިއްޔާއިން ރޭ ވަނީ ފަރީދުގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ފަރީދާއި އެއާއި ޖެހިގެން ހުންނަ ދަރިފުޅު އަބްދުﷲ ފަރީދު ބަންގްލަދޭޝަން ފުރަން އެއާޕޯޓަށް ގޮސް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

އެ ވީޑިއޯގައި ދެބެއިން ވަނީ ބައްޕަގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްތުގެ ބިންގާ އެޅުމަށް ބަންގްލަދޭޝަށް ފުރާކަމަށް ބުނެފައެވެ.

އެ ވީޑިއޯގައި އެ ދެބެއިން ވަނީ މިސްކިތް ބިނާކުރުމަށް ދީލަތި އެހީތެރިކަން ފޯރުކޮށްދިން ރާއްޖޭގެ އެންމެހައި ލޮބުވެލި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ބަންގްލަދޭޝްގައި ބިންގާއެޅުމަށް ތައްޔާރުވެފައިވާ މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރަން ވަދެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ.

https://sun.mv/207186

ޚިދުމަތް ޖަމިއްޔާއިން ވަނީ ފަރީދުގެ ނަމުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. ނަމަވެސް، ރާއްޖޭގައި އަޅަން ނިންމާފައިވާ މިސްކިތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޚިދުމަތް ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ. އެ ޖަމިއްޔާއިން ބުނީ، އެ ނިންމުން ނިންމާފައިވަނީ ގިނަ ބަޔަކު އެކަމުގައި ބައިވެރިވުމަށް އެދެމުންދާތީ ކަމަށާއި އިތުރަށް ފަންޑު ވެސް ލިބޭތީ ކަމަށެވެ.

ޚިދުމަތް ޖަމިއްޔާގެ ނިންމުމާ އެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ޝެއިޚްގެ ހަނދާނުގައި ރާއްޖޭން ބޭރުގައި މިސްކިތެއް ހުރުމަށްވުރެ ރާއްޖޭގައި ހުރުން އައުލާކަން ބޮޑުކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް