އިމާރާތުގެ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ހަރުގަނޑު މަތީ ބާއްވާފައި އޮތް ބޮޑު ސަންގެކެވެ.
"މިއީ އަސްލު ސަންގެއް؟ މިއީ ކޮންތާކުން ހޯދި ސަންގެއް؟ މިއީ ކިހާ ދުވަހެއް ވެފައި އޮތް ސަންގެއް؟" ހިތުގައި ފުނިޖެހުނު ސުވާލުތައް އެއްވެސް އިޚުތިޔާރެއް ނެތި ބޭރުވީ މީގެ ކުރިން އަހަންނަށް ސަންގެއް ފެނިފައި ނުވާތީއެވެ.

ބައިސްކޯފު ސްޓޫޑިއޯގައި ހުންނަ ދާރުލްއާސާރުގެ ސަންގު ކަލެކްޝަން - ސަން ފޮޓޯ: މޫސާ ނަދީމް
"މިއީ އާދައިގެ ސަންގެއް ނޫން. އެއީ ޒީރޯ ޑިގްރީ ނާޝިދު ފުމެފައި ހުންނާނެ އެކި ޝޯތަކުގައި ތަފާތު ސަންގުތައް. އޭގެތެރެއިން ޝޯއެއްގައި ފުމުނު ސަންގެއް އެއީ," އެ ތަނާ ހަވާލުވެ ހުންނެވި, ހުސައިން އާތިފް ހެވިފައި ބުންޏެވެ.
ފުރަމާލޭގެ މަލަމަތި ބަރާވެފައި ވަނީ އިމާރާތްތަކުންނެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ މީހުން އެ ސިޓީއެއްގައި ތޮއްޖެހިގެން އުޅޭ އެއް ސިޓީއެވެ. އެންމެ ބޮޑު މައްސަލައަކަށް ބޯހިޔާވަހިކަމުގެ މައްސަލަވެފައި ވާއިރު، ކުޑަކުޑަ ތަންކޮޅުތަކުގައި އާއިލާތައް އެބަ ދިރިއުޅެއެވެ.
މިފަދަ ހާލަތެއްގައި އޮތް ސިޓީއެއްގައި ހުރި އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ވަޅު, ގިފިލީގެ ޒަމާނަކަށް ދެވޭނެއޭ މީގެ ކުރިން ދުވަހަކު ވެސް ހިތަކަށް ނާރައެވެ. ނަމަވެސް، ބައިސްކޯފު ސްޓޫޑިއޯއަށް ވަދެވުމާއެކު މި ވިސްނުން ބަދަލުވެއްޖެއެވެ.
މިއީ ހަމައެކަނި ދާރުލްއާސާރެއް ނޫނެވެ. މި ދާރުލްއާސާރުން ކޮންމެ އުމުރެއްގެ މީހަކަށް ވެސް އެވޭލާ ރާއްޖެ ތަޖުރިބާކޮށްލެވޭނެއެވެ. މިއީ އެތައް ދުވަހެއްގެ މަސައްކަތުން ފައްކާ ކޮށްފައިވާ ރާއްޖޭގެ ކުޑަ ރަށެެކެވެ. ނުވަތަ ފަން ޖިފުޑިއެކެވެ.

ބައިސްކޯފު ސްޓޫޑިއޯގައި ހުންނަ ދާރުލްއާސާރު - ސަން ފޮޓޯ: މޫސާ ނަދީމް
ބައިސްކޯފު ދާރުލްއާސާރުގެ ފެށުން
އާސާރީ ތަކެތި އެއްކުރުމަކީ ބައިސްކޯފުގެ ސީއީއޯ މުހައްމަދު މިރުޝާން (މިރޫ)ގެ "ހޮބީ"އެކެވެ. މި ދާރުލްއާސާރަކީ އޭނާގެ މަސައްކަތުގެ ނަތީޖާއެވެ. މީގެ ތެރޭގައި އެތައް ގޮތަކުން ހޯދާފައިވާ ތަކެތި ހިމެނެއެވެ.
"މުޅި ރާއްޖޭގައި ވެސް މިރޫގެ ރައްޓެހިން ވަރަށް ގިނަވާނެ. ރަށަކުން މީހަކު މިކަހަލަ އެއްޗެއް ވިއްކަންޏާ ނޫނީ އެއްލައިލަންޏާ މިރޫއަށް އެބަ އަންގާ. އެންގީމަ އެ އެއްޗެއް މި ގަންނަނީ،" އާތިފް ކިޔައިދިނެވެ.
މިރޫގެ "ކަލެކްޝަން"ގައި ގަނެފައި ހުރި އެއްޗެހި ވެސް ހިމެނެއެވެ. އޭނާގެ ގާތަށް މިތަކެތި ލައްގާތޯ އެއްގޮތަކަށް ވެސް ނުހުރެއެވެ. މާލޭ ނީލަން ފިހާރައަށް ގޮސް ވެސް އޭނާ މިފަދަ ތަކެތި ހޯދައެވެ. އެގޮތުން މި ދާރުލްއާސާރަށް އެވޭލާ ކުލައެއް ގެނައުމަށް ބޭނުންކޮށްފައިވާ ބާ ޓިނުތަކަކީ ވެސް މިފަދައިން އޭނާ ހޯދާފައިވަ ތަކެއްޗެވެ.
މި ދާރުލްއާސާރުގައި އެންމެ ޚާއްސައީ ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ސާމާނެވެ. އެގޮތުން ވެސް އެންމެ ފާހަގަކުރެވެނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަދިޔާކުރައްވާފައިވާ ކްރިކެޓް ބެޓާއި ހެލްމެޓާއި އަންގިއެވެ. މިއީ މައުމޫން ދާރުލްއާސާރަށް ކުރެއްވި ޒިޔާރާތެއްގައި ހަދިޔާކުރެއްވި ތަކެއްޗެވެ.
ރާއްޖޭގައި ކުރިން ދުއްވި ރެލީ ބައިސްކަލެއް ވެސް މި ދާރުލްއާސާރުން ފެނެއެވެ. މި ބައިސްކަލަކީ މާލޭގެ މަޝްހޫރު އަހްމަދު ޝަރީފް މާޑޭ ނުވަތަ މާޑު ގަރާޖުގެ ވެރިޔާ މިރޫއަށް ހަދިޔާކޮށްފައިވާ ބައިސްކަލެކެވެ.

ބައިސްކޯފު ސްޓޫޑިއޯގައި ހުންނަ ދާރުލްއާސާރަށް މާލޭގެ މަޝްހޫރު އަހްމަދު ޝަރީފް މާޑޭ ނުވަތަ މާޑު ގަރާޖުގެ ވެރިޔާ ހަދިޔާކުރި ބައިސްކަލް ފެންނަ ފޮޓޯއެއް - ސަން ފޮޓޯ: މޫސާ ނަދީމް
މިތަނުގެ ބޮކިތަކަކީ ވެސް އެންމެ ކުރީޒަމާނުގައި ދިވެހިން ބޭނުންކުރި ފިލަމަންޓް ބޮތްކެވެ.
މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް މިރޫއަށް ފޯރުކޮށްދެނީ ކުޅުދުއްފުށީ އާރިފެވެ.
މިތަކެތިން ކިޔައިދެނީ އެތައް ޒަމާނެއްގެ ވާހަކަ
"މިތަނުގައި އެންމެ ދުވަސްވީ އެއްޗަކަށް ހުރީ ކޯއްޗެއް؟" އަހަރެންގެ ޝައުގުވެރިކަން ހުރީ ރާއްޖޭގައި އެންމެ ދުވަސްވީ އެއްޗަކަށް މި ދާރުލްއާސާރުން ފެންނާނީ ކޯއްޗެއްތޯ ބެލުމަށެވެ. މި ސުވާލު އެހުމާއެކު ދެވަނަ ވިސްނުމަކަށް ނުގޮސް އާތިފް ބިތަކާ ދިމާލަށް އިނގިލި ދިއްކޮށްލިއެވެ.
"މިހުރީ އަހަރެމެންގެ ލާރި ކަލެކްޝަން. މި ކަލެކްޝަންގައި ހުންނާނެ 700އަށްވުރެ ގިނަ ދުވަސްވީ ލާރި،" އޭނާ ބުންޏެވެ.

ބައިސްކޯފު ސްޓޫޑިއޯގައި ހުންނަ ދާރުލްއާސާރުގެ ލާރި ކަލެކްޝަން - ސަން ފޮޓޯ: މޫސާ ނަދީމް
މި ލާރި ކަލެކްޝަންގައި އެންމެ ގިނަދުވަސްވީ ފައިސާ ފޮއްޗަށް ވަނީ 702 އަހަރު ވެފައެވެ. ހަސަތޭކަ އަހަރާއި 500 އަހަރާއި 400 އަހަރާއި އެއަށްވުރެ ފަހުގެ ލާރިތައް ވެސް މި ކަލެކްޝަން އިން ފެނެއެވެ. ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ޒަމާނުގައި ގެންގުޅުން ކަރުދާހު ބައިރުފިޔާ ވެސް މި ދާރުލްއާސާރުގައި އެބަ ހުއްޓެވެ.
މީގެ ބައެއް ކަރުދާހު ނޫޓޫ ހަދިޔާކުރީ މުހައްމަދު ޝިޔާޒެވެ.
ރާއްޖޭގައި އެކި ކަންކަމަށް ކުރިން ބޭނުންކުރި ބާވަތްތަކުގެ ވަޅިތަކަކީ މިހާރު ރަށަކުން ވެސް ހޯދަން އުނދަގޫތަކެއްޗެވެ. މި ތަކެތި މި ދާރުލްއާސަރުގައި ރައްކާތެރިކަމާއެކު ފެންނަން އެބަހުއްޓެވެ.
"މި ވަޅިތަކުގައި ހުންނާނެ އަޅުގަނޑުމެން ހަދުވާފައި ހުރި ތަކެތި. އަޅުގަނޑުމެން ބޭނުންވަނީ މި ހުރިހާ ތަކެތި އެއް ތަނަކުން ފެންނަން. އެހެންވީމައި މިހާރު ހޯދަން މާ އުނދަގޫ ބައެއް ތަކެތި ހުންނާނެ ހަދާފައި،"

ބައިސްކޯފު ސްޓޫޑިއޯގައި ހުންނަ ދާރުލްއާސާރުގައި ހުރި އެކި ބާވަތުގެ ވަޅިތައް - ސަން ފޮޓޯ: މޫސާ ނަދީމް
ހަދާފައި ހުރި ތަކެތީގެ ތެރޭގައި ކުރީޒަމާނުގައި ގެންގުޅުނު އެކި ބާވަތްތަކުގެ ގުޑިތައް ވެސް ހިމެނެއެވެ. މި ތަކެތި ހަދާފައި ވަނީ ބަބާގޭ އާތިފް ދެއްވި ފޮތެއްގައި ދިވެހިން އެރުވި ގުޑިކަމަށް ބުނާ ކުރެހުންތައް ބަލައިގެން ހަގީގަތާ ވީހާވެސް އެއްގޮތަށެވެ.
މިތަނުގައި ރާއްޖޭގައި އެކި ޒަމާނުގައި މީހުން އެރި ފައިވާނުން ފެށިގެން ފާނޫޒާއި ބިގަރާއި އަލިފާން އިސްތިރިއާއި ގިރުނބާއާއި ހުރިހާ ޒާތެއްގެ އެއްޗެހި ފެންނަން އެބަ ހުއްޓެވެ.
ޚާއްސަ ކަމަކީ މި ދާރުލްއާސާރުގައި ހުރީ ހަމައެކަނި ދިވެހިން ބޭނުންކުރި އެއްޗެހި ނޫންކަމެވެ. އެގޮތުން، ކުރީގެ ޓައިޕް ރައިޓާއެއް މި ދާރުލްއާސާރުގައި ފެންނަން އެބަހުއްޓެވެ. އަދި އެކި ޒަމާނުގައި މީހުން ބޭނުންކުރި ފޯނުތައް ވެސް ފެންނަން އެބަހުއްޓެވެ.
"މީ ހަމަ އަސްލު ޕްރޮޖެކްޓަރެއް. ފާރުގައި ތަންކޮޅެއް ހުސްކޮށް ބައިންދާފައި އިންނަނީ އަންނަ މީހުންނަށްމީތި އަދިވެސް މަސައްކަތް ކުރާކަން ދައްކައިލަން،" ހަރުގަނޑެއްގައި އިން ޕްރޮޖެކްޓަރެއް ޖައްސައިލުމުން އެޅުވުނު ކަޅާއި ހުދުގެ ފިލްމު ދައްކައިލަމުން އާތިފް ބުންޏެވެ.
ބަލައިލައިގެން ނުފުދޭ، މިއީ ތަޖުރިބާއެއް
މި ދާރުލްއާސާރުގައު ކުރީގެ ބަދިގެއެއް އެބަހުއްޓެވެ. މި ބަދިގެއިން ދައްކުވައިދެނީ 1950ގެ ފަހުކޮޅު ދިވެހިންގެ ކެއްކުމުގެ ކަންކަން ހުރިގޮތެވެ.
ފެން ރުނބައެއް ހުރި އިރު، ފެން ބޯން ހުރީ ލޯވައްޓެކެވެ. ދަރު އުނދުނެއް ހުރި އިރު، އުނދުން މަތީ ހުރި ތެލި ހުރީ ދެލި އަރާފައެވެ. އެއްފަޅިއެއްގައި ކެއްކުމަށް ބޭނުންކުރާ ދަރު ފުންޏެއް ހުއްޓެވެ.

ބައިސްކޯފު ސްޓޫޑިއޯގައި ހުންނަ ދާރުލްއާސާރުގައި ހުންނަ ބަދިގެ - ސަން ފޮޓޯ: މޫސާ ނަދީމް
މާމަގެ ބަދިގޭގައި ހުންނަފަދައިން ބަދިދޭގައި ބޭނުންކުރާ ތަކެތި ރައްކާކުރުމަށް އޮށިން ތައްޔާރުކޮށްފައިވާ ދުމައްޓެއް މި ބަދިގޭގައި އެބަ ހުއްޓެވެ. މި ދުމަށިމަތީގައި ހުނިގޮނޑިތަކާއި ސައިކުރާތަކާއި ފަނުން ވިޔެފައިވާ ގޮށި، މުކައްބަ އަދި ތަގަރި ހުއްޓެވެ.
މީގެ ތެރެއިން ގިނަ ތަކެއްޗަކީ ހަގީގަތުގައި ވެސް މީގެ ކުރިން މީހުން މީހުން ބޭނުންކޮށްފައި ހުރި ތަކެތިކަން އެނގެނީ ބަނޑިޔަލުގައި ހުރި ބަނޑިތަކުންނެވެ. ތެލީގައި ހުރި ދެލިންނެވެ.
އެވޭލާ ޒަމާނުގެ ގިފިއްޔެއް ނެތްނަމަ، މި ދާރުލްއާސާރު ފުރިހަމައެއް ނުވާނެއެވެ. މި ދާރުލްއާސާރުގައި ވަރަށް ފުރިހަމަ ގިފިއްޔެއް ވެސް އެބަހުއްޓެވެ. ވަންނައިރު އެންމެ ފުރަތަމަ އަޅައިގަންނަނީ ގިފިލީގެ ދޮރެވެ.
"މި ދޮރު ވެސް ހަދާފަ މިހުރީ ދުނބުރި ދަނޑިން. ނިވާކުރަން ބޭނުންކޮށްފައި މިހުރީ ސުތުލި ގޯނި،" އާތިފް ކިޔައިދިނެވެ.
މި ގިފިލީގައި ވަޅެއް ހުރިއިރު، އެންމެ ފާހަގަކުރެވޭ ކަމަކީ ވަޅު ބިނާކުރާ ގޮތް ދައްކަން އުވަ ނުޖަހައި ތަންކޮޅެއް އިންނަކަމެވެ. މި ތަންކޮޅުން ތެޅިގާ ފެންނައިރު، މި ތެޅިގަލަކީ ވެސް، މޫދުން ނެގުމުގެ ބަދަލުގައި ތަޅައިލާ މުސްކުޅި ގެތަކުން ނަގާފައިވާ ތެޅިގަލެވެ. ވަޅުމަތީ ދާންޏަކާއި ސައިބޯންޏެއް ވެސް އޮވެއެވެ.

ބައިސްކޯފު ސްޓޫޑިއޯގައި ހުންނަ ގިފިލި - ސަން ފޮޓޯ: މޫސާ ނަދީމް
ރޯނެއް ދަމައި މި ރޯނުގައި އެއްޗެއްހި އަޅުވައިފައި ހުންނައިރު، މި ވަދެވެނީ ހަމަ މާމަމެންގޭ ގިފިއްޔަށޭ އިހުސާސް ކުރެވެއެވެ. ފެންވަރައިގެން ރީތިވުމަށް ޒައިތޫނި ތެލާއި، ފެހި ކޯލާޓަރާއި ރަތް ފުއް ބަހައްޓާފައި ހުއްޓެވެ.
"ދެން މިހުރީ ކުރީޒަމާނުގައި ބޭނުންކުރާ ހަނޑަސްބުރި. މީގެ ދަނޑިގަނޑާ ވެސް އެކީ. މިތަނުގައި މީނީ ދެ މަހާނަ މިއީ ހަމަ ދައްކައިލުމަށް މިތަނުގައި މި އިނީ އަންހެން މަހާނަ ގަލަކާއި ފިރިހެން މަހާނަ ގަލެއް،"
ތަޖުރިބާއެއް ހަގީގަތާ އެއްގޮތްވާނީ މިވަރަކަށެވެ.

ބައިސްކޯފު ސްޓޫޑިއޯގައި ހުންނަ ދާރުލްއާސާރުގެ - ސަން ފޮޓޯ: މޫސާ ނަދީމް
ބޭނުމަކީ އެންމެންނަށް ވެސް ސަގާފަތް ދައްކުވައިދިނުން
މިފަދަ ފުރިހަމަ ދާރުލްއާސާރެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ މި ދާރުލްއާސާރުގައި ހުންނަ ތަކެތި އެންމެންނަށް ވެސް ފެނި މިކަން ތަޖުރިބާ ކުރެވޭ ނަމައެވެ.
އާތިފްމެން މިހާރު މަސައްކަތްކުރަނީ އެކަމަށެވެ. އަމާޒަކީ މިތަން ސްކޫލު ކުދިންނަށާއި ފަތުރުވެރިންނަށާއި ބަލައިލަން ބޭނުންވާ އެންމެންނަށް ފެންނާނޭހެން ފުރުސަތު ފަހިކޮށްދިނުމެވެ. ނަމަވެސް، އެއީ ކުރިއަށް އޮތް މުސްތަގުބަލުގައެވެ.
މިތަން އާންމުންނަށް ވަދެވޭހެން ހުޅުވައިލާއިރު، ކޮންމެ އެއްޗެއްގައި ބާ ކޯޑެއް ހަރުކުރުމުގެ ވިސްނުން އެ މީހުން ގެންގުޅެއެވެ. މި ބާކޯޑު ސްކޭން ކޮށްލުމުން އެ އެއްޗަކާ ބެހޭ މައުލޫމާތު ބަލައިލެވޭނެއެވެ.
މިއީ ވަރަށް ފުރިހަމަ ދާރުލްއާސާރެކެވެ. އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން މި ދެވުނީ ދަރު އުނދުނާއި ވަޅު ގިފިލީގެ ޒަމާނަކަށެވެ.