ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ނިޔާވީ ސިފައިންގެ މީހެއް

ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުންޖަހާލައިފި --ފޮޓޯ/ އެމްއެންޑީއެފް

ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ބަންޑުންޖަހާލައިފައި ވަނީ މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓް ކަމަށެވެ.

އެ އުޅަނދުގައި ހަ މީހުން ދަތުރުކުރި ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އެ އުޅަނދުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު -- ފޮޓޯ/ އެމްއެންޑީއެފް

އެ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު ހޯދައިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

"ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ." އެމްއެންޑީއެފުން ބުންޏެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން "ސަން"އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ އެ އުޅަނދުގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު ބާކީ މީހުންނަށް އެމާޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާކީ ހަތަރު މީހުންނަށް އެމާޖެންސީގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ކަނޑުވި އިތުރު މީހަކު ވެސް އެ ހޮސްޕިޓަލަށް ގެންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ބިދޭސީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް