މާލޭ، އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދެ މުވައްޒަފުން މަރުވި ހާދިސާއާ ގުޅިގެން، މަސައްކަތްތެރިންގެ ސަލާމަތަށް އިސްކަންދޭން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ހަ މީހަކަށް ފަރުވާދިންއިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުالله އާއި ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ މަސޫދު ހޮސައިނެވެ.
އޭގެ ތެރެއިން، މަސޫދު މިދިޔަ އާދިއްތަ ދުވަހު ހަވީރު ނިޔާވިއިރު އަފްލާހު ނިޔާވީ އާދިއްތަަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އެ ހާދިސާއާ ގުޅިގެން ތައުޒިޔާ ވިދާޅުވެ، ރައީސް އެކްސްގައި ވަނީ، ހާދިސާގައި އަނިޔާވި އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައެވެ. އަދި، މަރުވި މީހުންނަށް ސުވަރުގެ މިންވަރު ކުރެއްވުމަށް ދުއާކުރައްވައި، އެ މަނިކުފާނު ވަނީ، މަސައްކަތްތެރިންގެ ސަލާމަތަށް އިސްކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.
ރައީސް އެފަދައިން އިލްތިމާސްކުރެއްވިއިރު، މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ވަނީ ތަހުގީގެއް ފަށައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު މެދުތެރޭގައި މޫސުން ގޯސްވެ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.