ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ނިޔާވީ 27 އަހަރު އަސްކަރިއްޔާއަށް ޚިދުމަތްކުރެއްވި އަލީ ހާމިދު

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ސިފައިންގެ މީހާ: އެއީ 27 އަހަރު އަސްކަރިއްޔާއަށް ޚިދުމަތްކުރެއްވި އަލީ ހާމިދު --

ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ، ދިވެހި އަސްކަރިއްޔާއަށް 27 އަހަރު ޚިދުމަތްކުރައްވާފައިވާ އަލީ ހާމިދުކަން އެނގިއްޖެއެވެ.

އެމްއެންޑީއެފްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ބަންޑުންޖަހާލައިފައި ވަނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުން ފަސް މީހުން ދަތުރުކުރި ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުންޖަހާލައިފި -- ފޮޓޯ/ އެމްއެންޑީއެފް

އެ ފަސް މީހުން ވެސް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އޭގެ ތެރެއިން ނިޔާވީ އަލީ ހާމިދެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައެވެ.

އެ ހާދިސާއާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސާ ދޭއް، އަލީ ހާމިދު، މި ދުނިޔެއާ ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.

ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައިވާ ހާމިދު ނިޔާވީ ވެސް ގައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއާއި މުއައްސަސާއާއެކު ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ އުޅަނދު، ބަންޑުންޖަހައިލި ކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:30 ހާއިރު އެމްއެންޑީއެފަށް ލިބުނެވެ.

އެ ހާދިސާ ހިނގި ގޮތާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން މިހާތަނަށް ނުދެއެވެ.

comment ކޮމެންޓް