ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި، 27 އަހަރު ސިފައިންގެއަށް ޚިދުމަތްކުރި ތ. ހިރިލަންދޫ، ސީރީނުގެ ޢަލީ ޙަމީދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިރޭ ބާއްވައިފިއެވެ
ޙަމީދުގެ ޖަނާޒާ ބާއްވާފައި ވަނީ މިރޭ 22:45ގައި މަސްޖިދުއްޒައިދު ބިން ސާބިތު ނުވަތަ ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
ހަމީދުގެ ޖަނާޒާ ހުޅުމާލޭ ސަހަރާގައި ބާއްވައިފައިވަނީ، ރަސްމީ އިއްޒަތުގައެވެ. އަދި އޭނާގެ ޚިދުމަތަށް ޓަކައި ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވައިފައެވެ.

ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި، 27 އަހަރު ސިފައިންގެއަށް ޚިދުމަތްކުރި ތ. ހިރިލަންދޫ، ސީރީނުގެ ޢަލީ ޙަމީދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުން -- ސަން ފޮޓޯ/ ޢަލީ ރަޝީދު
މި ޖަނާޒާގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވިއެވެ.
އެ ހާދިސާއާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސާ ދޭއް، އަލީ ހާމިދު، މި ދުނިޔެއާ ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.
ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައިވާ ހާމިދު ނިޔާވީ ވެސް ގައުމީ ޚިދުމަތަށް ޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއާއި މުއައްސަސާއާއެކު ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ އުޅަނދު، ބަންޑުންޖަހައިލި ކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:30 ހާއިރު އެމްއެންޑީއެފަށް ލިބުނެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުން ފަސް މީހުން ދަތުރުކުރި ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.