ހުޅުމާލޭ ގޮނޑުދޮށުން ކުނިވަސް ދުވާތީ ފުލުހުން ބެލިއިރު ބުޅަލެއް ކުނިވެފައި

ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދު: ނިރޮޅުމަގުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަރާ ހިސާބު ގޮނޑުދޮށް ސަރަހައްދުގައި ކުނި ވަސް ދުވާ ކަމުގެ ރިޕޯޓަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ގޮނޑުދޮށުން ކުނިވަސް ދުވާތީ ފުލުހުން މައްސަލަ ބެލުމުން، އެއީ މަރުވެފައި އޮތް ބުޅަލެއްގެ ސަބަބުން އެ ސަރަހައްދުގައި ދުވި ވަސްކަން ހާމަވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެއްގައި ބުނީ، ނިރޮޅުމަގުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަރާ ހިސާބު ގޮނޑުދޮށް ސަރަހައްދުގައި ކުނި ވަސް ދުވާ ކަމުގެ ރިޕޯޓެއް 17:19ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދު ބަލައިފައެވެ. އަދި ބެލިބެލުމުން އެއީ މަރުވެފައި އޮތް ބުޅަލެއް ކުނިވެގެން ދުވި ވަހެއްކަން ފުލުހުންނަށް ކަށަވަރުވެފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން އެފަދައިން ބުނެފައިވަނީ، ވަސްދުވަން މެދުވެރިވި ސަބަބާ ގުޅޭ ގޮތުން އެކި މީހުން ސުވާލު އުފައްދަމުން ދަނިކޮށެވެ.

މާލެ ސަރަހައްދުގައި ބުޅާ ގިނަވެ، ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުމަތީގައި އުޅޭ ބުޅާ ބެލެހެއްޓުމަށް އޮޅުހިޔާގެ ނަމުގައި ފެސިލިޓީއެއް ހުޅުވާފައިވެއެވެ.

އެހެންނަމަވެސް މައްސަލަ ހައްލުނުވާއިރު، މަގުމަތީގައި އުޅޭ ބުޅާތަކަށް ބައެއް މީހުން އަނިޔާކުރާ ކަމުގެ ކަންބޮޑުވުން، ކަމާ ގުޅުންހުރި ޖަމިއްޔާތަކުން އަންނަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް