ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފުލެޓު ހޯދުމަށް ހުށަހެޅިއިރު ނެތް އައު ޝަރުތެއް ހިމަނައިގެން ހައުސިން މިނިސްޓްރީން އިއުލާނުކުރުމުން، އެ މައްސަލަގައި މާލެ ސިޓީ ކައުންސިލްގެ ހައުސިން ކޮމިޓީން މިނިސްޓްރްއާއި މަޝްވަރާނުކުރަން އެ ކައުންސިލުން އިއްޔެ ނިންމައިފިއެވެ.
މިދިޔަ މަހުގެ 29 ގައިހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި އައު ޝަރުތެއް ހިމަނައިގެން ފުލެޓު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ސިޓީ ކައުންސިލްގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތިޙެވެ.
ސައިފް ވިދާޅުވީ، ދެމަފިރިންނަށް ވަކިވަކިން ހައުސިން ސްކީމަކުން ބިން ލިބިފައިވާނަމަ ފުލެޓު ނުލިބޭ ވާހަކައަކީ ފުލެޓަށް ފޯމު ހުށަހެޅިއިރު އޮތް ޝަރުތެއް ނޫން ކަމަށެވެ.
އެގޮތަށް ޝަރުތު ބަދަލުކުރުމުން، ކައިވެނި ރޫޅުމުން ވަންނާނެ ގެއެއް ނޯންނާނެ ކަމަށް ސައިފް ވިދާޅުވިއެވެ.
ސައިފް ވިދާޅުވީ، ފުލެޓަށް ކުރިމަތީލިއިރު ނެތް ޝަރުތެއް ފަހުން އުފަން ނުކުރެވޭނެ ކަމަށެވެ.
އިތުރަށް އެކަމުގައި ސައިފް ފާހަގަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ހުރެގެން ފުލެޓް ލިބިފައި އޮތަސް އެ ކުއްޖާ މަރުވާއިރަށް މިހާރު އޮތީ ޕޮއިންޓު އުނިކުރާ ގޮތަށެވެ.
މިހާރު ލީތާ ކޮން ދުވަހެއް ދެއްތޯ ފުލެޓަށް. ތިން އަހަރު ފަސް. ނިޔާވީ ޕޮއިންޓު ކަނޑާލީ. އެކަމަކު، ލިބޭ ދަރިއަކަށް ޕޮއިންޓެއް ލައެއް ނުދޭ. [ނުކުޅެދުންތެރިކަން ހުރި] ނިޔާވާ ދަރިއަށް [ދަރީގެ މަންމަ ނުވަތަ ބައްޕަ] އޭނާއަށް ލިބުނު ހިތާމައިގެ މައްޗަށް އަދި އިތުރަށް ރިހޭ ފައި މައްޗަށް ފޮއި ވެއްޓޭ ގޮތަށް އަމަލު ކުރަމުން ދަނީ. އެހެން އެވަނީ ކުރިމަތީލިއިރު އޮތް އުސޫލަށް އަމަލުނުކުރާތީ،"
އެފަދަ ކަމެއް ހިނގާއިރު، ކައުންސިލަރެއްގެ ހައިސިއްޔަތުން އެއްޗެއް ނުބުނެ ތިބެވެން ނެތް ކަމަށް ސައިފް ވިދާޅުވިއެވެ.
ފަހުން ހަދާ އުސޫލަކުން ކުރިން ހިނގިކަމެއްގެ މައްޗަށް އަދަބުދީ، ފިޔަވަޅު އެޅުމަކީ ނަހަމައެއް ކަމަށާއި އުސޫލުން ކުރިމަތިލިއިރު ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ޙަވާލުކުރާން ސަރުކާރަށް ގޮވައިލަން ފެންނަ ކަމަށް ސައިފް ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ސައިފް ވާހަކައަށް ތާއިދުކުރައްވައި، ސިޓީ ކައުންސިލްގެ ހައުސިން ކޮމިޓީއާއި ހައުސިން މިނިސްޓްރީއިން މަޝްވަރާކުރަން ވޯޓަށް އަހާފައެވެ.
އެ ހުށަހެޅުމަށް އެ ޖަލްސާގައި ތިއްބެވި 15 ކައުންސިލަރުންގެ ތެރެއިން ތާއިދުކޮށް، ވޯޓު ދެއްވީ ފަސް ކައުންސިލަރުންނެވެ. ބާކީ ދިހަ ކައުންސިލަރުން ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.
އެހެންވެ، މޭޔަރު ވަނީ ކައުންސިލްގެ ނަމުގައި އެކަން ކުރުމަށް ފާސްނުވުމުން މޭޔަރުގެ ހައިސިއްޔަތުން އެ ކަމުގައި އޮތް ކަންބޮޑުވުންތައް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.