އުތުރުތިލަފަޅުގައި, ކުށްކުރާ ކުދިން ރިހެބިލިޓޭޓު ކުރުމަށް ހަދާ ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ހަދަން ދެކޮޅު ކަމަށާއި އެތަނުން ދޭން ވާނީ ހަމައެކަނި ގޯތި ކަމަށް އުތުރުތިލަފަޅު ޔޫނިއަންއިން މިއަދު ބުނެފިއެވެ.
އެ ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، އުތުރުތިލަފަޅުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯތިތައް ރައްޔިތުންނަށް ލިބޭނެކަން އެޔޫނިއަނުން ކަށަވަރުކުރާނެ ކަމަށެވެ.
އެގޮތުން، އެ ޔޫނިއަނުން ވަނީ ސަރުކާރުން ގޯތި ދިނުމުގެ ބަދަލުގައި އެހެނިހެން ބޭނުންތަކަށް އުތުރުތިލަފަޅު ޚާއްސަކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެޔޫނިއަނުން ކަންބޮޑުވުން ފާޅުކުރީ، އުތުރުތިލަފަޅުގައި ހޯޕް އައިލެންޑާއި މަރުކަޒީ ޖަލު ތަރައްގީކުރާތީއެވެ.
ހޯޕް އައިލެންޑުގެ މަޝްރޫއަށް އިޝާރާތްކުރައްވައި، އަލީ ހުސައިން ވިދާޅުވީ، 300 އެއްހާ ކުދިން ރިހެބިލިޓޭޓު ކުރުމަށް 19،000 އާއިލާގެ އުންމީދު ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.

އުތުރުތިލަފަޅު: އުތުރުތިލަފަޅުގައި ހޯޕްއައިލޭންޑާއި ޖަލު ހަދަން ދެކޮޅު، ދޭންވާނީ ހަމައެކަނި ގޯތި ކަމަށް އުތުރުތިލަފަޅު ޔޫނިއަނުން ވަނީ ބުނެފައި --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ
އުތުރުތިލަފަޅުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ނޫން. އުތުރުތިލަފަޅަށް ވާން ޖެހޭ ގޮތަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ގޮތަށް އެތަން ހިއްކައި، އެތަނުން ގޯތި ދިނުން އެއީ ކުރަން ޖެހޭ ކަމަކީ
އޭގެއިތުރުން، އެތަނުގައި ސެންޓްރަލް ޖަލަކާއި ހޯޕް އައިލެންޑެއް އަޅައި، މީހުން ދިރިއުޅުމަށް ގޯތި ދިނުމަށް ކުރަން ޖެހޭ ޚަރަދު މާބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ދުރާލާ ވިސްނައި ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
އަލީ ހުސައިން ވަނީ، ހޯޕް އައިލެންޑާ ގުޅުވައި ވާހަކަދައްކަވާފައެވެ. ދުނިޔޭގައި މީހުން ރިހެބިލިޓޭޓު ކުރުމަށް މަސައްކަތްކުރާ އުސޫލު ބަދަލުވެފައިވާއިރު، އެކަން ކުރަން ޖެހޭނީ ރަށްރަށް ހަދައިގެން އެކަހެރި ކޮށްގެން ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އަދި، އެކަން ކުރަން ޖެހޭނީ މުޖުތަމައު އިންޓަގްރޭޓެޑް ކޮށްގެން ކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން: އެ ޔޫނިއަނުން ވަނީ އުތުރުތިލަފަޅުން ގޯތި ނުދީ އެހެން ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައި --- ފޮޓޯ/ އުތުރުތިލަފަޅު ޔޫނިއަން
އުތުރުތިލަފަޅާ ގުޅުވައި، ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ. އަދި، އެތަނުން ގޯތި ނުދީ އެހެން ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަން އެ ޔޫނިއަނުން ފާހަގަކޮށްފައިވެއެވެ.
އެހެނިހެން ބޭނުންތަކަށް އުތުރުތިލަފަޅު ޚާއްސަކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރިއިރު، ހޯޕް އައިލެންޑް ތަރައްގީކުރަން މިހާރު ހަތަރު އިންވެސްޓަރަކު ކުރިމަތިލައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިންވެސްޓަރުން ހޯދަން ހޯމް މިނިސްޓްރީން އިއުލާނުކުރީ އުތުރު ތިލަފަޅުގައި ހަދާ މަރުކަޒީ ޖަލާއި ހޯޕް އައިލެންޑް ތަރައްގީކުރާ ބަޔަކަށް ފުލުހުންގެ ޓްރެއިނިން ރަށް ދ. ވާނީއާއި ދެ ފަޅެއް ދޭ ގޮތަށެވެ.
ހޯޕް އައިލެންޑް ތަރައްގީކުރަނީ އުތުރު ތިލަފަޅުގެ 15 ހެކްޓަރު ހިއްކައިގެންނެވެ. އަދި އެ ތަނުގައި 700 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ޓާމް ޝީޓުގައިވެއެވެ. މި މަޝްރޫއު އޮކްޓޯބަރު 2027ގެ ނިޔަލަށް ނިންމަން ވެސް ޖެހެއެވެ.
އޭގެއިތުރުން، އުތުރުތިލަފަޅުގައި 200 ހެކްޓަރުގެ ބިން ހިއްކައި، ދަނޑުވެރިކަން ކުރާ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަން ސަރުކާރުން ނިންމިއެވެ. ނަމަވެސް، އެ މަޝްރޫއު މިހާރު ވަނީ ފުށިދިއްގަރު ފަޅަށް ބަދަލުކޮށްފައެވެ.