އިންޑިއާގެ ޑިފެންސް ޓެކްނޮލޮޖީގެ ސްޓާޓަޕް، ޑްރޯން އުފައްދާ ކުންފުންޏެއް ކަމުގައިވާ ރާފޭ އެމްފިބް (Raphe mPhibr) އަށް 100 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ލިބިއްޖެއެވެ.
މި ފައިސާ ލިބިފައިވަނީ އަސްކަރީ ބޭނުންތަކަށް ޑްރޯންތަކަށް އޮތް ޑިމާންޑް އިތުރުވަމުން ދިއުމާ ގުޅިގެން، ކުންފުނީގެ އުފެއްދުންތެރިކަމާއި ރިސާޗްގެ ގާބިލްކަން އިތުރުކުރުމަށެވެ.
ދުނިޔޭގެ އަސްކަރީ މައިދާނުގައި ޑްރޯންގެ ބޭނުން އިތުރުވަމުން އަންނައިރު، ރާފޭ އެމްފިބްގެ އަމާޒަކީ އިންޑިއާގެ ދިފާއީ ބާރުތަކަށް ބޭނުންވާ ޒަމާނީ ޑްރޯންތައް އަމިއްލައަށް އުފައްދައި، މި ދާއިރާގައި ޗައިނާއަށް ބަރޯސާވުން ކުޑަކުރުމެވެ. މިހާރުވެސް އެ ކުންފުނީގެ މައިގަނޑު ކަސްޓަމަރުންނަކީ އިންޑިއާގެ އަސްކަރިއްޔާ، ނޭވީ، އެއާ ފޯސް އަދި ބޯޑަރު ބަލަހައްޓާ ފޯސްތަކެވެ.
ދެބެން ކަމަށްވާ ވިކާޝް މިޝްރާ އާއި ވިވޭކް މިޝްރާ, 2017 ވަނަ އަހަރު އުފެއްދި މި ކުންފުނިން ވަނީ އަމިއްލައަށް ޓެކްނޮލޮޖީ ތަރައްގީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން، ޑްރޯންގެ ފްލައިޓް ކޮންޓްރޯލަރު، ބެޓެރީ، އަދި އޮޓޯޕައިލޮޓް ފަދަ މުހިންމު ބައިތައް އުފައްދަނީ އެ ކުންފުނިން އަމިއްލައަށެވެ. މީގެ ސަބަބުން ސަޕްލައި ޗެއިންގެ ގޮންޖެހުންތަކުން ވަނީ ސަލާމަތްވެފައެވެ.
މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި 300 އަށް ވުރެ ގިނަ ޑްރޯން ވިއްކާފައިވާ މި ކުންފުނި ވަނީ ފާއިތުވި ހަތަރު އަހަރުވެސް ފައިދާގައި ހިންގާފައެވެ.
އަލަށް ލިބުނު ފަންޑާއެކު، ކުންފުނީގެ އުފެއްދުންތެރިކަމުގެ ފެސިލިޓީ ވަރަށް ބޮޑަށް ފުޅާކުރާނެއެވެ. އަދި އިންޑިއާއިން ބޭރުގެ މާކެޓްތަކަށް ވެސް ޑްރޯންތައް އެކްސްޕޯޓްކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ރާފޭ އެމްފިބްގައި މިހާރު 600 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރެއެވެ. އޭގެ ތެރެއިން 150 މުވައްޒަފުން ރިސާޗް ދާއިރާގައި މަސައްކަތް ކުރާއިރު، 250 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ އުފެއްދުންތެރިކަމުގެ ދާއިރާގައެވެ. މިހާތަނަށް މި ސްޓާޓަޕްއަށް ޖުމްލަ 145 މިލިއަން ޑޮލަރުގެ ފަންޑު ލިބިފައިވެއެވެ.
ކުރިއަށް އޮތް 2-5 އަހަރުގެ ތެރޭގައި ކުންފުނީގެ ހިއްސާ ވިއްކަން ވެސް ވަނީ ރާވާފައެވެ.