ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ބޮޑަށް ބޭޒާރު ވަނީ ރާއްޖޭގެ އިގުތިޞާދީ ކަންކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދައްކަވާ ވާހަކަތަކުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
އަމިއްލަގެކޮޅުގައި ބޭއްވި ޕީއެންއެފް ޖަލްސާގައި ޔާމީން ވަނީ، މިނިސްޓަރު ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެ މަނިކުފާނުގެ ދައުރުގައި ވެސް އިކޮނަމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ދެއްކެވި ވާހަކަތަކަށް ޔާމީން ވަނީ އަލިއަޅުއްވާލައްވާފައެވެ.
ޔާމީން ވިދާޅުވީ، ވެރިކަމުގެ ކުރީކޮޅުގައި އިގުތިޞާދު ފުޅާކޮށް, ޑައިވާސިފައިކުރެއްވި ހަމައެކަނި ރައީސަކަށް ރައީސް މުއިއްޒު ނޫނީ ނުޅުއްވާނެ ކަމަށް ސައީދު ވިދާޅުވި ކަމަށެވެ.
އެ މަނިކުފާނު ފާހަގަކުރެއްވީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅު ބާޒާރު ނައްތާލާނެ ކަމަށް ސައީދު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދިން ކަމަށެވެ. އެކަމަކު، ޑޮލަރުގެ މިހާތަނަށް މައްސަލަ ހައްލުވެފައިނުވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަބީދު
އެއް މިސާލަކަށް ޔާމީން ދެއްކެވީ، ބަންކަރިންގެ ޚިދުމަތުން ރާއްޖޭގެ އިގުތިސާދަށް އަހަރަކު 400 މިލިއަން ޑޮލަރު ނުވަތަ 6.17 ބިލިއަން ރުފިޔާ ވަންނާނެ ކަމަށާއި އެކަމުގެ ސަބަބުން އެތައް ވިޔަފާރިތަކެއް އުފެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވުމެވެ.
އެ ކަންކަން ފާހަގަކުރައްވައި ޔާމީން ވަނީ ސައީދު އެކަމުގެ ތެރެއަށް 'ވައްދައިގެން' އުޅެނީ އެމްޑީޕީގެ ފިކުރުގައި ސަރުކާރު ހަލާކުކޮށްލަންތޯ ސުވާލުއުފައްދަފާއެވެ.
އެއީ މުއިއްޒަށް ހެޔޮ އެދިގެން ދައްކާ ވާހަކައެއްނޫން. އެންމެ ބޮޑަށް އިގުތިޞާދީ ކަންތައްތަކުގައި މުއިއްޒު ފަލީހަތްވެގެން ބޭޒާރުވެގެން މި ދަނީ ސައީދު ދައްކާ ވާހަކަތަކުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
މީގެ އިތުރުން، މިނިސްޓަރު ސައީދު ދައްކަވާ ވާހަކައެއް އެއަށް ވުރެ ބާރަށް ރައީސް މުއިއްޒު ވިދާޅުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
މިނިސްޓަރު ސައީދަށް ފާޑުކިޔުން އަމާޒުވިއިރު މީގެ އެތައް މަހެއް ކުރިން ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި ޑޮލަރުގެ މައްސަލައަށް މިހާތަނަށް ވެސް ހައްލެއް ނުލިބެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ސައީދު: ޔާމީން ވަނީ ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
އޭގެ ފަހުން، ޑޮލަރުގެ މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން މިނިސްޓަރު އެތައް ފަހަރު ދެއްވިއެވެ. އެކަމަކު، ހާލަތު އިތުރަށް ގޯސްވެ، މިހާރު އެންމެ ޑޮލަރެއް ލިބެނީ 19.50 ރުފިޔާއަށެވެ.
މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން، އެސްޓީއޯއާއި ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެން ދޭ ބަންކަރިންގެ މަޝްރޫއު ވެސް ކާމިޔާބުވާތަނެއް ނުފެނެއެވެ. މިނިސްޓަރު އެތައް އުންމީދެއް ރައްޔިތުންނަށް ދެއްވި ނަމަވެސް ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތަކަށް އެކަން ވެގެންދާނެކަމުގެ އެއްވެސް އަލިމަގެއް ނުފެންނާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު -- ސަން ފޮޓޯ/ މޫސާ ނަދީމް
އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްލުވުމެއްގައި ބަންކަރިންގެ ޚިދުމަތުން ފައިދާވޭތޯ ބައެއް ނޫސްވެރިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، އެ ޚިދުމަތުން ފައިދާވަމުން އަންނަ ކަމަށާއި ބައިނަލްއަގުވާމީ ގޮތުން ބަންކަރިންގެ ޚިދުމަތް ދިނުމަށް ވަސީލަތްތައް ގާއިމުކުރުމުގެ ވާހަކައަކީ ''ދުލުން ބުނެލަން ފަސޭހަ ނަމަވެސް ބޮޑު މަސައްކަތެއް'' ކަމަށެވެ.
ސައީދަށް ފާޑުކިޔުން އަމާޒުވާ އަނެއް ސަބަބަކީ އަމިއްލަ ވިޔަފާރިތައް ދަށްވުމެވެ.
އެގޮތުން، ވިޔަފާރިތައް ދަށްވެ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 760.1 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
ވިޔަފާރީގެ އާމްދަނީން ނަގައި ޓެކުހާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީ މިހާ ބޮޑަށް ދަށްވީ، މާލީ ދަތިތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފައި އޮއްވައެވެ. އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް ދީފައިވަނީ 'ޖަންކް' ރޭޓިންއެކެވެ. ފިޗުން 'ސީސީ' ރޭޓިންއެކެވެ. މޫޑީޒްއިން ދީފައިވަނީ 'ސީއޭއޭ2' ރޭޓިންއެކެވެ.
އެއީ، ދަރަނީގެ ކަންބޮޑުވުންތައް ބޮޑުވެ، އެކަށީގެންވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒުކުރާތަން ނުފެންނާތީއެވެ. ދެ އެޖެންސީން ވެސް ވަނީ ރާއްޖޭގެ 'ޖަންކް' ރޭޓިން ދަމަހައްޓަން ނިންމައިފައެވެ.