ޗެއާޕާސަނާއި ރައީސްގެ މަގާމު އެއްކޮށްލައި، އެމްޑީޕީއަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު (ކ) އަދި ޝާހިދު (މ): ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލަން މަޝްވަރާ އެބަ ކުރޭ -- ފޮޓޯ/ އެމްޑީޕީ

އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ޕާޓީގެ ރައީސްގެ މަގާމު އެއްކޮށްލަން މަޝްވަރާކުރަމުން އަންނަ ކަމަށް އެ ޕާޓީގައި މިހާރު އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާ ކަމަށްވާ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް އިއްޔެ ވަނީ 20 އަހަރު ފުރިފައެވެ. އެއީ، ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ.

'ސަންގު ޓީވީ'ގައި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެންމެ އަވަހަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސްއެއްގައި ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ޕާޓީގެ ރޯޑްމެޕްގައި ހިމަނާފައިވާނެ ކަމަށެވެ. އެ ގޮތުން، އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ މުހިންމު އެއް ބަދަލަކީ މިހާރު އޭނާ ހުންނެވި ޗެއާޕާސަންގެ މަގާމާއި އަބްދުﷲ ޝާހިދު ހުންނެވި ރައީސްކަމުގެ މަގާމު އެއްކޮށްލުމެވެ.

"އެއް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ މިހާރަކުއެއް ޕާޓީގެ ޗެއާޕާސަނަކާއި ޕާޓީގެ ރައީސެއް ހުރުމުގެ ބޭނުމެއް ނެތޭ. ކޮންމެ ވެސް އެއް މަގާމެއް އޮތީމާ ނިމުނީއޭ. ޕާޓީގެ ރައީސް ކަމަށްވަންޏާ ރައީސް، ޗެއާޕާޝަން ކަމަށްވަންޏާ ޗެއާޕާސަން،" އޭނާ ވިދާޅުވިއެވެ.

"[މިއީ] އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއް،"

އެމްޑީޕީގެ އަހަރީ ދުވަހު ކޭކު ފަޅަނީ: އެ ޕާޓީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަމަށް ފައްޔާޒް ވިދާޅުވި --- ފޮޓޯ/ އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ބާރަށް ކުރިއަށް ގެންދަން އެއީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް ޕާޓީގެ ހިންގުން އެ ބަދަލުގެ ސަބަބުން އިތުރަށް ހަރުދަނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕާޓީގެ ލީޑަރަކަށް އިންތިޚާބުވާ ބޭފުޅާއަށް ލީޑަރުކަމުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތް ހައްދަވަން ވެސް ފައްޔާޒް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕާޓީ ހިންގަން އަންނަ ބޭފުޅަކީ ހަމައެކަނި އެ ކަމަށް ހުސްވެފައި ހުންނަ ބޭފުޅަކަށްވާން ޖެހޭ ކަމަށެވެ.

"ޕާޓީގެ ގޮތުގައި ޕާޓީ ހިންގުމަށްޓަކައި ޕާޓީ ހިންގަން ހުންނަ މީހާއަކީ އެ ކަންކަމުން ސަލާމަތްވެ، އެއްކިބާވެފައި ހުންނަ މީހެކޭ. އެ މީހާގެ މަސައްކަތަކީ ޕާޓީގެ ވަރުގަދަކުރުން،" ފައްޔާޒް ވިދާޅުވިއެވެ.

އޭނާގެ ހިޔާލަކީ ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅާއަށް އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާއެއް ވެސް އަދައިނުކުރެވޭ ގޮތް ހެދުމެވެ. އެ ގޮތުން، ސަރުކާރުގެ ނުވަތަ ކުންފުންޏެއްގެ ވެސް އެއްވެސް އިތުރު މަގާމެއް އެ ބޭފުޅަކަށް އަދައިނުކުރެއްވޭ ގޮތަށް އަސާސީ ގަވާއިދު ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެ ބަދަލު ގެންނަނީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޕާޓީ ހީނާރުވާތީ ކަމަށެވެ.

އެހެންވެ، ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅަކީ ރަނގަޅު މުސާރައެއްގައި، ޕާޓީގެ ކަންކަން ހިންގައި، ޕާޓީ ވަރުގަދަކުރުމާއި އަދި ޕާޓީއާއި ސަރުކާރު ގުޅާލަން ހުންނަވާ ބޭފުޅެއްގެ ގޮތުގައި ބަދަލުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރުން: އެ ޕާޓީއަށް ވަނީ 20 އަހަރު ފުރިފައި -- ފޮޓޯ/ އެމްޑީޕީ

"ގިނަ ބޭފުޅުން ގަބޫލުކުރޭ އެ ގޮތަށް ބަދަލުވެއްޖެ ކަމަށްވަންޏާ ޕާޓީ މާ ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވަނީ ފެކްޝަންތަކަށް ވެސް ޖާގަ ދީގެން ކަމަށެވެ. އެހެންވެ، ޕާޓީގެ ހިންގުމަށް ޚާއްސަ ބޭފުޅެއް ހުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އަމާޒަކީ ފެކްޝަން ނެތް ޕާޓީއަކަށް އެމްޑީޕީ ބަދަލުވިޔަނުދިނުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ ދެން ދުވަހަކު ވެސް އަނބުރާ އެމްޑީޕީ ފެކްޝަން ނޯންނަ ގޮތަކަށް ބަދަލުނުވުން،" އޭނާ ވިދާޅުވިއެވެ.

މި ނޫން ވެސް ގިނަ ބަދަލުތަކެއް އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ވެސް އެމްޑީޕީގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑެވެ. އެ ގޮތުން، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ޓިކެޓަށް މަސައްކަތްކުރައްވާއިރު ފައްޔާޒް ވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ފަދަ ޝައުގުވެރިކަމެއް ފާޅުކުރައްވާފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ އިންތިޚާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ނަޝީދާއި ޞާލިޙްގެ ވާދަވެރިކަން ބޮޑުވެ، ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިފައެވެ. އެ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ އެހެންވެ ކަމަށް އެ ޕާޓީގެ ބޭފުޅުން ކުރިން ވިދާޅުވިއެވެ.

އެކަމަކު، ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުން ވަނީ އެނބުރި އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.

comment ކޮމެންޓް