އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ވާދަކުރާ ގްރޫޕުގައި މުބާރާތް ބާއްވާ މިޔަންމާއާއި އަފްޣާނިސްތާން ހިމެނިއްޖެއެވެ.
އަންނަ ސެޕްޓެންބަރު މަހުގެ 14-24 އާ ދެމެދު ކުޅުމަށް ރާވާފައިވާ މި މުބާރާތުގައި ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމަކީ ވެސް ރޭންކިން އަދި ފެންވަރުގެ ގޮތުން ބަލާއިރު ފުޓްސަލްގައި ވަރުގަދަ ދެ ޓީމެވެ.
ކޮލިފައިންގައި ކޮންމެ ގްރޫޕެއްގެ އެއްވަަނައަށް ދާ ޓީމަކަށް މުބާރާތުން ޖާގަ ލިބޭއިރު، ދެވަނައަށް ދާ އަށް ޓީމުގެ ތެރެއިން ހަތް ޓީމަކަށް މުބާރާތުން ޖާގަ ލިބޭނެއެވެ.
ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ރާއްޖެ މި ވަގުތު އޮތީ 106 ވަނައިގައެވެ. އެއީ، އޭޝިއާ ބައްރުން 26 ވަނައެވެ. ދެކުނު އޭޝިއާއަށް ބަލާއިރު އެއްވަނައެވެ. ރާއްޖެއާ އެންމެ ކައިރިން އަވައްޓެރި އިންޑިއާ އޮތީ 135 ވަނައިގައެވެ.
ރާއްޖެއިން ވަނީ 2023 ވަނަ އަހަރުގެ ކޮލިފައިން ކުޅެފައެވެ. އެ ފަހަރު އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލުބުނާން އަތުން ވަނީ 6-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި، ފަހު މެޗުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
މުބާރާތް ކުޅެނީ އިންޑޯ ފުޓްސަލް ޕިޗެއްގައެވެ. ރާއްޖޭގައި އިންޑޯ ފުޓްސަލް ޕިޗެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އަދި މިހާތަނަށް އެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާ ގޮތެއް ނުވެއެވެ.