ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށްދާ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2025 ގެ ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ކޮންރެޑް ހޯދީ އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލުގައި ބާސެލޯ ވޭލް ލެގޫން މޯލްޑިވްސްއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން މެޗު ކާމިިޔާބުކޮށްގެންނެވެ.
މިއީ މި ޒޯނުގެ ތަށި ކޮންރެޑުން ހޯދި އަށްވަނަ ފަހަރެވެ. އެއާއެކު އެ ޓީމު ވެފައިވަނީ ރިސޯޓު ލީގުގައި އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައެވެ.
ލީގު ބުރުގައި މިދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ މިނިޓްގައި ކޮންރެޑުން ލީޑު ނެގި ލަނޑު ޖަހައިދިނީ މުހައްމަދު ރިފާއު ހަސަނެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން ކޮންރެޑުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިިޔާބުކޮށްދިނީ ހުސެއިން އީސާއެވެ.
ކޮންރެޑުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ފަސްވަނަ މިނެޓްގައި ޖަހައިދިނީ އަބްދުالله އަޒީމް އެވެ. އަދި އޭގެ މިނެޓެއް ފަހުން ކޮންރެޑްގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ލައިޒާން މައުސޫމެވެ.
ޖުމްލަ އަށް ގޯލާއެކު މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކޮންރެޑުގެ އަހުމަދު މައިސޫން އެވެ. މި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ބާސެލޯގެ މާއިލް މުހައްމަދު، އުސައިދު އަލީ، ކޮންރެޑްގެ މުހައްމަދު ރިފާއު، އާދަމް އާޒިމް އަދި އަހުމަދު ސައީދެވެ. އަދި މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮންރެޑްގެ ހުސެއިން ޝިފާހް އެވެ.
ޓީމުގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވީ އެ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އުމައިރު (އަކާ) އެވެ. އޭނާ ވަނީ މިއަހަރު މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައެވެ.