މިއަދު ރިލީޒްކުރާނެކަން އިއުލާނުކުރި ބަތަލާ ސޮނާކްޝީ ސިންހާގެ ފިލްމު "ނިކިތާ ރޯއި" ރިލީޒްކުރުން ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިލީޒްކުރުމުގެ އެއް ދުވަސްކުރިން މި ފިލްމު ކުރިން ގެނެސްދޭން ނިންމި ތާރީޚަށް ބަދަލެއް ގެނެސްފައި މިވަނީ އެއް ދުވަހެއްގައި އިތުރު އެހެން ފިލްމުތަކެއް ވެސް ރިލީޒްކުރާތީ ފިލްމަށް ހެޔޮ އެދޭ ފަރާތްތަކުގެ އިތުރުން ފިލްމުގެ ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުންގެ ވެސް އެދުމުގެ މަތިންނެވެ.
މިކަމާ ގުޅޭގޮތުން މި ފިލްމު ގެނެސްދޭ އެންވީބީ އެންޓަޓެއިންމަންޓްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރިކަން ހެޔޮ ހިތުން ބަލައިގަންނަ ކަމަށެވެ.

"ނިކިތާ ރޯއި"ގެ މަންޒަރެއްގައި ބަތަލާ ސޮނާކްޝީ ސިންހާ--ފޮޓޯ/މިޑްޑޭ
ނަމަވެސް މި ފިލްމަށް ކުޑަކުޑަ އިންތިޒާރެއް ބެލުންތެރިން ކުރަންޖެހޭ ކަމަށާއި އަންނަ މަހުގެ 18 ވަނަ ދުވަހު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ވައުދުވާ ކަމަށް އެންވީބީ ފެންޓަޓެއިންމަންޓްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
ސުޕަނެޗުރަލް ތުރިލާ "ނިކިތާ ރޯއި" މިއަދު ރިލީޒްކުރަން ކުރިން ނިންމިއިރު މި ތާރީޚުގައި ސިނަމާތަކަށް ގެންނަ އިތުރު ފިލްމުތަކުގެތެރޭ ހޮލީވުޑް އެކްޓަރު ބްރެޑްޕިޓްގެ ސްޕޯޓްސް ޑްރާމާ "އެފް 1"، ތެލުގޫ ބަހުން އުފައްދާފައިވާ މިތޮލޮޖިކަލް އެކްޝަން ޑްރާމާ "ކަންނައްޕާ" އަދި ބަތަލާ ކާޖޮލްގެ ބިރުވެރި ފިލްމު "މާ" ހިމެނެއެވެ.
ފިލްމު ގެނެސްދޭ ތާރީޚު ލަސްވުމާ ގުޅޭގޮތުން "ނިކިތާ ރޯއީ"ގެ ބަތަލާ ސޮނާކްޝީ ސިންހާ ބުނެފައި ވަނީ މިއީ އެއްފަހަރާ ގިނަ ފިލްމުތަކެއް ރިލީޒްވުމަށް ދިމާވި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.
މިއީ ފިލްމު އިންޑަސްޓްރީގައި ވަރަށް ގިނައިން ދިމާވާ ކަމެއް ކަމަށާއި ފިލްމު ޕްރޮޑިއުސަރުން އަބަދުވެސް އެކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ސޮނާކްޝީގެ ބޭބެ ކުޝް ސިންހާ އަލަށް ޑައިރެކްޓްކުރާ މި ފިލްމުގެ ހާއްސަ ރޯލައިން އެކްޓަރުން އަރުޖުން ރާމްޕާލް އަދި ޕަރޭޝް ރާވާލް ވެސް ފެންނާނެއެވެ.