ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް، ހަ ގަޑިއިރު ފަހުން އޯޕީޑީ އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ، އިލެކްޓިކް ޕެނަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އޯޕީޑީގެ ޚިދުމަތް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު 16ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.
މިއަދު އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ހެނދުނު 10:30 ހާއިރު 'ސަން'އަށް ވިދާޅުވީ، މެއިން އިލެކްޓިކް ޕެނަލަށް ދިމާވި މައްސަލަ ހައްލުކޮށް އިރުކޮޅެއް ތެރޭ އާންމު ހާލަތަށް ރުޖޫއަކުރެވޭނެ ކަމަށެވެ.
އޭގެ ފަހުން ދެންމެ އޮފިޝަލް ވިދާޅުވީ، މިހާރު އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށެވެ.
ޚިދުމަތްތައް އާންމު ހާލަތަށް ރުޖޫއަވިކަން އިއުލާނުކޮށް، ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެ ހާލަތަށް ގެނައުމުގައި އެހީތެރިވި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ސްޓެލްކޯއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހާއި އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.