އައިޝަތު ލީސާ ހާމިދަށް، އޭނާގެ ލޯބިވާ ބައްޕަ، ތ. ހިރިލަންދޫ ސީރީނު ގެ، ޢަލީ ހާމިދާ، އެންމެ ފަހުން ވާހަކަ ދެއްކުނީ ބުދަ ދުވަހުގެ މެންދަމު 01:00 ހާއިރު ފޯނު ކޯލަކުންނެވެ. ދަންވަރު ޑިއުޓީގައި ހުރި ހާމިދު އެއިރު ތައްޔާރުވަމުން ދިޔައީ، މާލެއިން ފުރައިގެން ޅ. އަތޮޅަށް އެ ދުވަހު ކުރަން އޮތް ދަތުރަށެވެ.
އެހެންވެ، އެ ފޯނު ކޯލަކީ ދަތުރަށް ފެށުމުގެ ކުރިން، މީގެ ތިން މަސް ކުރިން އުފަންވި، ހާމިދަށް ކާފަ ކިޔާ، ފިރިހެން ކާފަ ދަރިފުޅާއި، ދެމައިންގެ ހާލު ބަލައިލަން ކުރި ކޯލެކެވެ. އެ ފިރިހެން ކާފަ ދަރިފުޅަކީ، ފިރިހެން ދަރިއެއް ބަލައި ބޮޑުކުރަން ބޭނުންވެފައި ހުރި ހާމިދަށް މި ފަހުން ލިބުނު އެންމެ ބޮޑު އުފަލެވެ.
"އެ ދުވަހުގެ ދަންވަރު ޑިއުޓީގައި ހުރެފައި އަޅުގަނޑަށް ގުޅީ، [ކާފަ]ދަރިފުޅުގެ ހާލު ބަލައިލަން. އެއީ އެންމެ ފުރަތަމަ ކާފަ ކިއީ ފިރިހެން ދަރި. ބައްޕަގެ ނުއެއްް ހުރޭ ފިރިހެން ކުއްޖަކު. ފިރިހެން ކުއްޖަކު ބޭނުންވެފައި ހުއްޓާ އަޅުގަނޑަށް ލިބުނީ،" ލީސާ ބުންޏެވެ.
އެކަމުގެ މިއީ އޭނާގެ ބައްޕައާ ވާހަކަ ދެއްކޭނެ އެންމެ ފަހު ފަހަރުކަމާމެދު ކުޑަ ވެސް މިންވަރަކަށް ލީސާގެ ޚިޔާލަކަށް ނާދެއެވެ.
އެ ދުވަހުގެ ހެނދުނު 10:30 ހާއިރު ދެން ލިބުނީ މުޅި ރާއްޖެއަށް ވެސް ސިހުމެކެވެ. ހާމިދު ހިމެނޭހެން ތިން ސިފައިންނާއި ދެ ބިދޭސީން ދަތުރުކުރި، ދިވެހި ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް)ގެ ކޮޅުވެއްޓި ކާށިދޫ ކަނޑަށް ބަންޑުން ޖަހައިލީއެވެ.

ބަންޑުން ޖަހައިލި ސިވެކްގެ ކޮޅުވެއްޓި -- ފޮޓޯ: އެމްއެންޑީއެފް
މީހުންނަށް ވީނުވީއެއް ނޭނގި އުޅެނިކޮށް ލީސާއަށް ލިބުނީ މެސެޖެކެވެ. އެ މެސެޖާއެކު އޭނާއަށް ހުރެވުނު ތަނެއް، ވީގޮތެއް ވެސް ނޭނގެއެވެ. އަތްފައި ފިނިވެ މޫނުމައްޗަށް ވެރިވީ އަނދިރިކަމެވެ.
އެ ހާދިސާގައި ކަނޑުވި އެންމެން ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު، އޭގެ ތެރެއިން ނިޔާވީ ހާމިދެވެ.
"ބައްޕައަށް މި އުޅެނީ ކިހިނެއް ވެގެން ހެއްޔޭ، އެހެން އެހީމާ އަސްލު ޝޮކެއް ޖެހުނީ. އެއީ ބައްޕަ އެ ދުވަހުގެ ދަންވަރު ޑިއުޓީގައި ހުރެފައި އަޅުގަނޑަށް ގުޅީ ވެސް. އަޅުގަނޑުމެންގެ ހަޔާތުން ހަމަ ވަރަށް ބޮޑު ބައެއް އުނިވީ،" ލީސާ ބުންޏެވެ.
މިއަދު ވެސް އޭނާގެ ދަރީންނަށް ބައްޕަ ނިޔާވެއްޖެކަމުގެ ހަގީގަތް ގަބޫލުކުރަން ދައްޗެވެ. ނަމަވެސް، އެ ހިތްދަތިކަމާއި ފަޅުކަމުގެ އިހުސާސް ހިތަށް ވެރިކުރުވައެވެ. އެއީ އެ ދަރީން ދެކެ އެހައި ލޯބިވީ ނަމޫނާ ބައްޕައެއްގެ އޯގާވެރިކަން ކުއްލިއަކަށް ގެއްލުމުންނެވެ. އެ ކުދިންނަށް ހާމިދަކީ "އެއްވަނައިގެ" ބައްޕައެކެވެ.
"ބައްޕަ ކަހަލަ، ބައްޕައެއް ނުލިބޭނެ އެއްވެސް ކުއްޖަކަށް. އެއީ ވަރަށް ޕްރައުޑްވާ ކަމެއް. ބައްޕަ ވަރަށް ލޯބިވާނެ ދަރީންދެކެ. އެއްވެސް ވަރަކަށް ދަރީންނަށް ތަފާތު ނުކުރާނެ،" ލީސާ ބުންޏެވެ.

ހާމިދާއި އޭނާގެ ކުރީގެ އަންހެނުންނާއި ދަރިން --
އާއިލީ ގުޅުން ދެމެހެއްޓުމުގައި ނަމޫނާއެއް
ހާމިދަކީ އޭނާގެ ބައްޕައާއި މަންމައަށް ލިބިފައިވާ ނުވަ ދަރީންގެ ތެރެއިން އެކަކެވެ. ހާމިދުގެ އެއްބަނޑުއެއްބަފައި ބޭބެ އިސްމާއީލް އިބްރާހިމް ސިފަކުރި ގޮތުގައި، ހާމިދު ފަދަ ހެޔޮ ހިތެއްގެ ވެރިއަކު މަދުވާނެއެވެ. އިސްމާއީލް ވެސް ހެކިވަނީ، ހާމިދު އޭނާގެ ދަރީން ދެކެ ވާ ލޯތްބާއި، އާއިލާއާއި ރަހުމަތްތެރިންނާ ބާއްވާ ގާތްކަމަށެވެ.
އެގޮތުން ދެ އަންހެން ދަރީންގެ ބައްޕައެއް ކަމަށްވާ ހާމިދުގެ ދޮށީ އަންހެން ދަރިފުޅު ޒަވާޖީ ހަޔާތެއް ފަށައި ދިރިއުޅުމާއެކު ކުރިއަށް ދިޔައިރު ވެސް، ހާމިދު، ލީސާއަށް ޓަކައި ނުކޮށްދޭ ކަމެއް ނެތެވެ. ގޭގެ ހުރިހާ ކަމެއް ބެލެހެއްޓުމުގައި ވެސް ހުރިހާ ޒިންމާއެއް އިސްވެ، އަމިއްލައަށް ބޭނުންވެހުރެ ނަގައިދިނީ ހަމަ އެ ބައްޕައެވެ.
"ދަރީންދެކެ ވަރަށް ލޯބިވާނެ. ދަރީންނަށް ޓަކައި ކޮންމެ ކަމެއް ވެސް ކުރާނެ،" އިސްމާއިލް ބުންޏެވެ.
ހާމިދަކީ އެކުވެރިންނާ ވެސް އަބަދުވެސް ހިނިތުންވުމަކާއެކު ބައްދަލުކުރާ، މަޖާ މީހެއް ކަމަށް ވެސް އިސްމާއިލް ބުންޏެވެ.

27 އަހަރު ސިފައިން ގެއަަށް ޚިދުމަތްކުރި ވޮރަންޓް އޮފިސަރު ދޭއް ހާމިދު އަލީ --
ހާމިދަކީ ކަނޑަށް ގަދަ އެއްވަނައިގެ ކައްޕިއެއް!
ހާމިދުގެ ދަރީންނާއި، އޭނާގެ އާއިލާ ވެސް ހެކިވާ އެއް ކަމަކީ ހާމިދަކީ ފިސާރި ކަނޑަށް ގަދަ މީހެއް ކަމެވެ.
މަސްވެރި ކެޔޮޅެއްގެ ގޮތުގައި ކަނޑުމަތީގައި މަަސައްކަތް ކުރަމުން އަންނަތާ 18 އަހަރު ވެފައިވާ އިސްމާއީލް ބުނި ގޮތުގައި، މީގެ ތިރީހަކަށް އަހަރުކުރިން، ހާމިދު މާލެއަށް ކިޔަވަން އައިސް، ކިޔަވައި ނިންމުމަށްފަހު އެންމެ ފުރަތަމަ ވެސް ގުޅުނީ ސިފައިންގެއަށެވެ. ސިފައިންގެއަށް ވަދެ، ކޯސްޓުގާޑާ ގުޅި އެ ދުވަހުއްސުރެ އޭނާ ޚިދުމަތް ކުރަމުން އައީ ކޯސްޓު ގާޑުގައެވެ.
އިސްމާއިލް ބުނީ، ކޯސްޓުގާޑުގައި، ހާމިދު ޚިދުމަތްކުރިއިރު، ގަދަވެގެން ނުކުރެވޭވަރު ދަތުރެއް ކަމަށް ބުނެ ދުވަހަކު ވެސް ފަސްޖެހިފައި ނުވާ ކަމަށް ހާމިދުގެ ވެރިން ބުނެފައިވާ ކަމަށެވެ.
އެގޮތުން ހާމިދަކީ ރާއްޖޭގެ ކަނޑުގެ ބޯޑަރު ސަރަހައްދު ބެލެހެއްޓުމުގައި، ގަދަ ކަނޑާއި އަތްވާއި، ވާރޭގައި އެތައް އަހަރަކު ހަރަކާތްތެރިވި އެކަކެވެ. ކޯސްޓުގާޑަށް އައި ސިފައިންގެ އެތައް އޮފިސަރަކަށް އެތައް ކަމެއް ދަސްކޮށްދިން ކެޕްޓަނެކެވެ.
މި ހުރިހާ ކަމަކާއެކު ވެސް އިސްމާއީލަށް ވެސް ގަބޫލުކުރަން އަދި ވެސް ދަތިވަނީ، މޫސުން ވެސް ރީތި ދުވަހެއްގައި، މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި، އޭނާގެ ކޮއްކޮ ދުނިޔެ ދޫކުރި ހިތްދަތި ހަގީގަތެވެ.

ސިފައިންގެ ރަސްމީ އިއްޒަތުގައި އޮތް ހާމިދުގެ ޖަނާޒާގައި އޭނާގެ ދެ އަންހެން ދަރީންނަށް، ގައުމީ ދިދަ ހަވާލުކުރުން -- ފޮޓޯ: އެމްއެންޑީއެފް
"އަޅުގަނޑަކީ ވެސް ކަނޑުމަތީ ގާތްގަނޑަކަށް 22، 23 އަހަރު ވެއްޖެ ކަނޑުމަތީ އުޅޭތާ. އެ ދުވަހަކީ ވެސް އަނެއްހެން އެހާ ގަދަ ދުވަހެއް ނޫން. ކުއްލިއަކަށް އުފުއްޔެއް ބަންޑުން ޖަހައިލިއްޔޭ، އޭނާ ނިޔާވެއްޖޭ. ވަރަށް އެހެން ކަހަލަ ގޮތެއް ވާނީ ދެއްތޯ. އެއަށްވުރެ މާ ގަދަ އިރުގައި ވެސް، އޭނާއަކީ ކަނޑަށް ހަމަ ވަރަށް ވަރުގަދަ ފަތައި އުޅޭ މީހެއް،" އިސްމާއީލް ބުންޏެވެ.
ހަތާވީސް އަހަރު، ދިވެހި އަސްކަރިއްޔާއަށް ޚިދުމަތް ކުރި ވޮރަންޓް އޮފިސަރު ދޭއް، ހާމިދު ނިޔާވިކަމުގެ ހިތާމައިގެ އިހުސާސް، އޭނާގެ އަމިއްލަ ދެ ދަރީންނާއި، އާއިލާއާއި އެކުވެރީން އަދިވެސް ކުރަނީ ނުހަނު ފުންކޮށެވެ. އެ ހިތާމަ މުޅި ގައުމު ވެސް އިހުސާސްކުރިއެވެ. އަސްކަރީ ޝަރަފުގައި އޭނާގެ ޖަނާޒާ ބޭއްވި، ފަސްދާނު ލެވިފައިވިޔަސް ހާމިދުގެ އުފާވެރި ހަނދާންތަކާއި، ޚިދުމަތަކީ އޭނާގެ އާއިލާއާއި، ދިވެހި އަސްކަރިއްޔާއިން އަބަދުމެ އާކުރާނެ ކަންތައްތަކެކެވެ.