ރޮބަޓް ޕެޓިންސަން ބެޓްމޭންގެ ރޯލު ކުޅުނު ފިލްމު "ދަ ބެޓްމޭން"ގެ ސީކުއެލްގެ މަސައްކަތް މަޑު ޖެހިފައި އޮއްވައި, ސްކްރިޕްޓުގެ މަސައްކަތް ނިންމާލައިފިއެވެ.
ވޯނާ ބްރޮސްގެ ދަ ބެޓްމޭންގެ ފުރަތަމަ ބައެއް ރިލީޒްކޮށްފައިވަނީ 2022 ވަނަ އަހަރެވެ. ފިލްމުގެ ކާމިޔާބީއާ އެކު ސީކުއަލްއެއް އުފައްދާނެ ކަމަށް ޕްރޮޑަކްޝަނުން އިއުލާނު ކުރިއެވެ. ފިލްމު ރިލީޒްކުރުން އެންމެ ފުރަތަމަ ޕްލޭންކޮށްފައިވަނީ މިއަހަރަށެވެ.
ނަމަވެސް ފިލްމު ރިލީޒްކުރާ ތާރީޚު ލަސްކުރަން ޖެހުނީ ފިލްމުގެ އެއްވެސް މަސައްކަތެއް ފަށާފައި ނުވުމުންނެވެ. މި ހުރިހާ މަސައްކަތެއް ލަސްވެފައިވަނީ ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ނުނިމޭތީއެވެ.
މި އަހަރުގެ ކުރީކޮޅު ޑައިރެކްޓަރު މެޓް ރީވްސް ވަނީ ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ބުނެފައެވެ. މިހާރު އެ ވާހަކަ މިއޮތީ ހަގީގަތަކަށް ވެފައެވެ.
ފިލްމުގެ ސްކްރިޕްޓު ލަސްވި ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރު ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
ބެޓްމޭން މިހާރު ފަސްކޮށްފައިވަނީ 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހަށެވެ. މިއީ ފިލްމު ރިލީޒްކުރުން މި އަންނަ އަހަރަށް ވެސް ފަސް ކުރުމަށްފަހު ފައިނަލް ކޮށްފައިވާ ތާރީޚެވެ.
ޕެޓިންސަން ކުޅުނު ބެޓްމޭން ފިލްމު ވީ ބޮޑު ހިޓަކަށެވެ. މި ފިލްމުވެފައިވަނީ އެ އަހަރު ނެރުނު އެންމެ ބޮޑު ފިލްމުތަކުގެ ތެރެއިން ފިލްމަކަށެވެ. އެގޮތުން، ފިލްމުގެ އާމްދަނީ 800 މިލިއަން ޑޮލަރާ ގާތް ކުރެއެވެ.
ރޮބާޓް ޕެޓިންސަންގެ އިތުރުން އެ ފިލްމުން ޒޯއީ ކްރެވިޓްސްއާއި ޕޯލް ޑޭނޯ ފެނުނެވެ. ދެވަނަ ފިލްމުން ވެސް ކްރެވިޓްސް ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.