ޕެރަމައުންޓް ޕިކްޗާސްގެ މަގުބޫލު ސައިފައި ފްރެންޗައިޒް ކަމަށްވާ "ޓްރާންސްފޯމާސް"ގެ އާ ބައެއްގެ މަސައްކަތް އަލުން ކުރަން އުޅޭ ކަމަށް އިއުލާނުކޮށްފިއެވެ.
މި ފްރެންޗައިޒްގެ އެންމެ ފަހުން ފިލްމެއް ނެރެފައިވަނީ 2023 ވަނަ އަހަރެވެ. "ޓްރާންސްފޯމާސް: ރައިޒް އޮފް ދަ ބީސްޓްސް"ގެ ނަމުގައި ނެރެފައިވާ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސްޓީވެން ކޭޕަލް ޖޫނިއާއެވެ. މިއީ ފްރެންޗައިޒް އަސްލަށް ހެދި ޑިރެކްޓަރު ނޫން އެހެން ޑިރެކްޓަރަކު ނެރުނު ދެވަނަ ފިލްމެވެ.
އެންމެފަހުން އަނެއްކާވެސް އޮރިޖިނަލް ޑިރެކްޓަރު މައިކަލް ބޭ އެނބުރި ޓްރާންސްފޯމާސް ފްރެންޗައިޒްއަށް އަންނަން ތައްޔާރުވެއްޖެއެވެ. މައިކަލް ބޭ ދެން ޑައިރެކްޓު ކުރާނީ ފްރެންޗައިޒްގެ އަށްވަނަ ފިލްމެވެ. މި ފިލްމާ ގުޅޭގޮތުން މާ ގިނަ އާ މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ.
ނަމަވެސް މައިކަލް ބޭ ބުނާގޮތުގައި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. އެއާއެކު ފިލްމުގެ ޓައިޓަލް އާއި ރިލީޒްކުރާނެ ތާރީޚު އާންމުކުރާނެ ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.
ޕެރަމައުންޓުން 2023 ވަނަ އަހަރު ނެރުނު ޓްރާންސްފޯމާސް ފިލްމުގައި އާ ކެރެކްޓާސްތަކެއް ތައާރަފްކޮށްފައިވެއެވެ. މި ކެރެކްޓާތަކާއި ސްޓޯރީލައިންއިން އާ ޓްރިލޮޖީއެއް އުފެދޭނެއެވެ. އެހެންވެ، މައިކަލް ބޭ ފަށަން ޖެހޭނީ ފްރެންޗައިޒް ނިންމާލި ހިސާބުންނެވެ.
"ޓްރާންސްފޯމާސް" ފްރެންޗައިޒްގެ ފުރަތަމަ ފަސް ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މައިކަލް ބޭ އެވެ. މީގެ ފުރަތަމަ ޓްރިލޮޖީގައި ސްޓޯރީލައިން އަލި އަޅުވާލަނީ އެކްޓަރު ޝައި ލަބޫވްގެ ކެރެކްޓާ އަށެވެ.
ފިލްމް ހަތަރަކާއި ފަހެއް ފޮލޯކޮށްފައިވަނީ މާކް ވޯލްބާގްގެ ކެރެކްޓާއަށެވެ. ފިލްމް ފަހެއް ގިނަ ބަޔަކަށް ކަމު ނުދިޔުމުން މީގެ ހަވަނަ ފިލްމް ކުޑަ ބަޖެޓެއްގައި ހަދަން ނިންމިއެވެ. އެހެންކަމުން ޓްރޭވިސް ނައިޓް ޑައިރެކްޓްކުރި ޕްރީކުއެލް "ބަމްބަލްބީ" މި ފްރެންޗައިޒްގެ އެންމެ ކުޑަ ބަޖެޓުން ހެދިއެވެ. ހަވަނަ ފިލްމަކީ އެންމެ ކުޑަ އާމްދަނީ ލިބުނު ފިލްމަށްވީ ނަމަވެސް އެއީ ރިވިއުތައް އެންމެ ރަނގަޅު ފިލްމެވެ.