އެމެރިކާގެ ދަށު ކޯޓުތަކަށް ރިޔާސީ އަމުރުތައް ހުއްޓުވުމުގެ ގާބިލުކަން ހަނިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/ގެޓީ

އެމެރިކާގެ ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ރިޔާސީ އަމުރުތައް ހުއްޓުވުމުގެ ގާބިލުކަން ހަނިކުރަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމް ގުޅިފައިވަނީ، ގަވާއިދާ ޚިލާފަށް ނުވަތަ ވަގުތީ ވިސާއެއްގައި އެމެރިކާއަށް ވަންނަ މީހުންގެ ދަރިންނަށް އެ ގައުމުގެ ރައްޔިތުކަން ނުލިބޭނެ ކަމަށް ރައީސް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރަކާއެވެ.

އެ އަމުރު މުޅި ގައުމުގައި ތަންފީޒު ކުރުން ހުއްޓުވަން ވޮޝިންޓަންއާއި މެރިލޭންޑާއި މެސެޗޫސެޓްސްގެ ބައެއް ފެޑެރަލް ކޯޓުތަކުން ވަނީ މަސައްކަތް ފަށައިފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގެ މުޅި ބެންޗުން ބަލައި، ގޮތް ނިންމީ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ނިންމުމުގައި ވަނީ މުޅި އެމެރިކާއަށް ތަންފީޒުކުރެވޭ ގޮތަށް، ރިޔާސީ އަމުރަކަށް އަމަލުކުރުން މުޅި އެމެރިކާގައި ހުއްޓުވުމަށް އަމުރުކުރުމަކީ ފެޑެރަލް ކޯޓުތަކަށް ލިބިގެންނުވާ ބާރެއް ކަމަށެވެ. އަދި އެފަދަ އަމުރެއް ފެޑެރަލް ކޯޓުތަކަށް ނެރެވުނު ނަމަވެސް، އެ އަމުރު ތަންފީޒު ކުރެވޭނީ އެއިރަކު ބަލާ މައްސަލައެއްގައި ޝާމިލުވާ ބަޔަކަށް ކަމަށް ނިންމުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ސަރުކާރަށް ބާރު ލިބޭ ގޮތަށް ގޮތް ނިންމައިފައިވާއިރު، އެ ނިންމުމާ ދެކޮޅު ހެއްދެވީ ލިބެރަލް ފިކުރުގެ ތިން ފަނޑިޔާރުންނެވެ. އެ ކޯޓުގެ އަޣުލަބިއްޔަތު އޮންނަނީ ކޮންޒަވޭޓިވް ފިކުރުގެ ފަނޑިޔާރުންނަށެވެ. އޭގެ ތެރޭގައި ޓްރަމްޕް އައްޔަންކުރެއްވި ފަނޑިޔާރު އޭމީ ކޯނޭ ބެރެޓް ވެސް ހިމެނެއެވެ.

އެމެރިކާގައި ދެވަނަ ދައުރަކަށް ރައީސްކަން ކުރައްވަމުންގެންދަވާ ޓްރަމްޕް ވަނީ ގަވައިދާ ޚިލާފަށް އެ ގައުމަށް އެތެރެވެފައިވާ މީހުން އަނބުރާ ފޮނުވާލާނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައެވެ. އެ ގައުމުގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް)އިން ގަވައިދާ ޚިލާފަށް އުޅޭ ބޭރު މީހުން ހޯދުމަށް ބޮޑެތި އޮޕަރޭޝަންތަކެއް މިހާރު ހިންގަމުން އަންނައިރު، އެމެރިކާގައި އެތައް އަހަރެއް ވަންދެން ދިރިއުޅެފައިވާ މީހުން ވެސް ހިފަހައްޓަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މީގެ އިތުރުން އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި މުސްލިމުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ މީހުންނާއި އެމެރިކާގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންނަށް ވަކިން އަމާޒުކުރަމުން އަންނަ ކަމުގެ ތުހުމަތުތައް ވެސް ފެންމަތިވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް