ފައިނުގައި ހިނގި އެކްސިޑެންޓް: 2 ކުދިންނާއި ޓީޗަރު ވެންޓިލޭޓަރުގައި

ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖަކު މާލެ ފޮނުވާލުން: އެކްސިޑެންޓުވި ދެ ކުދިންނާއި ޓީޗަރަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި -- ފޮޓޯ/ ފައިނު އޮންލައިން

ރ. ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުންނާއި ޓީޗަރަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ފައިނުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 19:30ހާއިރު އެކްސިޑެންޓުވީ، 18 އަހަރު ނުވާ ދެ ފިރިހެން ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވާފައި ދަނިކޮށް، ކަސްރަތަށް ނުކުމެ ހިނގަން ތިބި ދެ ފިރިހެނުންގެ ގައިގައި ޖެހިގެންނެވެ. އެ ދެ މީހުންނަކީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ދެ ކުދިންނާއި ދެ މީހުން ވެސް ފުރަތަމަ ގެންދިޔައީ އުނގޫފާރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. އެއަށްފަހު ޕްރިންސިޕަލްގެ ހާލު ސްޓޭބަލް ވެފައިވާއިރު، ދެ ކުދިންނާއި ޓީޗަރު އިއްޔެ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

އައިޖީއެމްއެޗްގެ މީޑިއާއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ދެ ކުދިންނާއި ޓީޗަރަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ. ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާއާ ގުޅޭ ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.

ފުލުހުން ވަނީ، އެ ހާދިސާގައި ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ބުނެފައެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފައިނުން "ސަން"އަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އެކްސިޑެންޓުވިއިރު ސައިކަލު ދުއްވަން އިނީ ލައިސަންސެއް ނެތް ކުއްޖެކެވެ.

comment ކޮމެންޓް