މޫސުން ގޯސްވެ، މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، 13:30އިން 17:00އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، އުދަ އެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މޫސުން ބޮޑަށް ގޯސްވެފައިވަނީ މެދު ރާއްޖެތެރެއާއި އުތުރަށެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހެނދުނުން ފަށައިގެން 16:30އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.
އެ އޮފީހުން ވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުނެފައެވެ.
މޫސުން ގޯސްވެ، ކަނޑު ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިއްޔެ މާލެއަށް ވަރަށް ބޮޑަށް އުދަ އަރައިފައިވެއެވެ. އެގޮތުން ކާނިވާ ސަރަހައްދުން އުދަ އަރައި، އެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކަށް އުދައިގެ އަސަރުކޮށްފައިވެއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވުމުން، އެ ދުވަހު ކައިރި ރަށްރަށަށް ދަތުރުކުރި މީހުންގެ އަދަދު އިތުރުވެފައިވެއެވެ. އަދި މާދަމާ އޮފީސްތައް ހުޅުވޭއިރަށް، މިއަދު ގިނަ ބަޔަކު މާލެ ދަތުރުކުރާނެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.