ބޮޑު ތަފާތަކުން ޖަޕާން ބަލިކޮށް ރާއްޖެއަށް ދެވަނަ މޮޅު

ރާއްޖެއާއި ޖަޕާން ބައްދަލުކުރި މެޗަށްފަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދެކުނު ކޮރެއާގައި ކުރިއަށްދާ 21 އަހަރުން ދަށުގެ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި 32 ޕޮއިންޓުގެ ބޮޑު ތަފާތަކުން ޖަޕާނު ބަލިކޮށް މުބާރާތުގެ ދެވަނަ މޮޅު ރާއްޖެއިން ހޯދައިފިއެވެ.

ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ މުބާރާތުގައި ޖަޕާން އަތުން ރާއްޖެ މޮޅުވެފައިވަނީ 59-32 ޕޮއިންޓުންނެވެ. މެޗުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖެއިން ވަނީ ފުރަތަމަ މެޗުގައި ޗައިނީސް ޓައިޕޭވެސް ބަލިކޮށްފައެވެ. އެ މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 51-26ގެ ބޮޑު ތަފާތަކުންނެވެ.

ހަ އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު ޖޫނިއާ ނެޓްބޯޅަ ޓީމުން މިމުބާރާތާ ކުރިމަތިލިއިރު، މި ޓީމުން ވަނީ ދާދިފަހުން ޗައިނާގެ ހޮންގް ކޮންގުގައި ބޭއްވި ބައުހީނިއާ ކަޕުގައި ވާދަކޮށް ތިންވަނަ ހޯދާފައެވެ.

ތިންވަނަ މެޗުގައި މާދަމާ ރާއްޖެ ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއެވެ.

ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުންދަނީ ވާދަކުރަމުންނެވެ. މިމުބާރާތުގެ ގަދަ ފަސް ޓީމު ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ދެން ބާކީ ތިބި ޓީމުތައް ކުޅެން ޖެހޭނީ ޕްލޭޓަށެވެ.

comment ކޮމެންޓް