ފުރަތަމަ ފިރިހެން ދަރިފުޅު 8 މަހުގައި މަރުވުން، ތުހުމަތުތަކާއެކު އައިޖީއެމްއެޗުން މައްސަލަ ބަލަނީ

އައިޖީއެމްއެޗްގައި މީހެއްގެ ހިތުގެ ހާލަތު ބެލުމަށް އީސީޖީ ހަދަނީ: ކުޑަ ކުއްޖެއްގެ މަރާ ގުޅިގެން އާއިލާއިން އަންނަނީ އެ ހޮސްޕިޓަލަށް ގިނަ ތުހުމަތުތަކެއް ކުރަމުން -- ފޮޓޯ/ އައިޖީއެމްއެޗް

އެދެމަފިރިންގެ ކައިވެންޏަށް މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، މީގެ ކުރިން ދެ އަންހެން ކުދިން ލިބިފައި ވެއެވެ. ނަމަވެސް، މީގެ އަށް މަސްކުރިން ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅު ޔޫނުސް ހުސައިން އަބްދުﷲއާ އެކު މުޅި އާއިލާއަށް ވެސް ލިބުނީ ބަޔާން ނުކުރެވޭފަދަ އުފާވެރިކަމެކެވެ.

މި އުފާވެރި އާއިލާއަށް ކުއްލި ސިހުމަކާއި ހިތާމަވެރިކަމެއް ގެނުވީ ލޮލުގެ ކޮއިފަދަ ތުއްތު ދަރިފުޅުގެ ކުއްލި ވަކިވުމާއެކުއެވެ. ކުއްލިއަކަށް ހާލު ގޯސްވެ ދަރިފުޅު އިއްޔެ ދުނިޔެ ދޫކުރިއިރު، އެތައް އިހުމާލެއް ފެންމަތިވެފައިވާ ކަމަށް, އާއިލާއިން ތުހުމަތުގެ އިނގިލި ދިއްކުރަނީ މައި ހޮސްޕިޓަލް, އައިޖީއެމްއެޗަށެވެ.

އާއިލާއިން ބުނާ ގޮތުގައި ޔޫނުސް އަކީ ސިއްހަތު ރަނގަޅު ކުއްޖެކެވެ. އުމުރާ އެއްވަރަށް ހެދިބޮޑުވަމުން އައީ މުޅި އާއިލާގެ ލޯބި ލިބިގެންނެވެ. ނަމަވެސް، މީގެ ދެ ހަފުތާކުރިން ތުއްތު ޔޫނުސްގެ އުޅުމަށް ކުޑަ ބަދަލުތަކެއް އަންނަން ފެށިއެވެ. ހޮޑުލެވި އަބަދު ރޮވި ނުކެވެން ފެށީއެވެ. އެހެންކަމުން ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމުން ވެސް ހޮސްޕިޓަލުން ބޭސް ދީފައި ފޮނުވާލީއެވެ. ނަމަވެސް، ޔޫނުސްގެ އުޅުމަކަށް ބަދަލެއް ނައެވެ.

އެހެންކަމުން ތިންވަނަ ފަހަރަށް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް މިމަހުގެ 20ވަނަ ދުވަހު ދިއުމުން އެ ހޮސްޕިޓަލުން ޔޫނުސް އެޑްމިޓްކޮށް އައިވީއެއް ގުޅިއެވެ.

"އޭރުވެސް ރޯތީ ދިޔައީ. ބަރާބަރަށް ބުއްފުޅި ބޮއެ. ހުމެއް އެކަހަލަ އެއްވެސް ކަމެއް ނެތް. އެޑްމިޓްކޮށްފައި އޮތް އިރުވެސް ބަރާބަރަށް ބުއްފުޅި ބުއި" ޔޫނުސްގެ ދައްތަ އައިމިނަތު ޔުނާލް ހުސައިން "ސަން"އަށް ކިޔައިދިނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި، ޖެހިގެން އައި 21ވަނަ ދުވަހުގެ ޔޫނުސްގެ ހަށިގަނޑު ދުޅަވެ ފުފެން ފެށިއެވެ. އޭރުވެސް ޑޮކްޓަރުން ވަނީ، ދެތިން ފަހަރަކު ލެއާއި ކުޑަކަމުދާ ތަކެތި އަދި ބޮޑުކަމުދާ ތަކެތި ނަގައި ޓެސްޓުތަކެއް ހަދައިފައެވެ.

"ނުބުނޭ ކިހިނެތް ވެގެންކަމެއް ސާމްޕަލް ނަގަނީއެއް. އަޅުގަނޑު އަތުގައި އެބަހުރި ރިޕޯޓުތައް ވެސް ދީފައި، ތަފާތު ދުވަސްތަކުގެ މަތިން ޓެސްޓު ހެދިކަމަށް އޭގައި އެބަހުރި. ޓެސްޓުތަކުގެ ނަތީޖާއެއް ނުދޭ، އޭގައި ހުރީ ކޮން ވާހަކަތަކެއް ކަމެއް ވެސް ނުބުނޭ،" ޔުނާލް ކިޔައިދިނެވެ.

ޑޮކްޓަރުން ބުނީ ޔޫނުސް ދުޅަވަނީ ލިވާގައި ހުންނަންޖެހޭ އެންޒައިމެން މަތިވެފައި ހުރުމުން ކަމަށެވެ. އަދި މި އެންޒައިމްގެ ސަބަބުން ގައިގައި ފްލުއިޑް އިތުރުވެ ކުއްޖާގެ ބަނޑާ ހަށިގަނޑު ދުޅަވެ، ފުފެނީކަމުގައި ބުންޏެވެ.

"އެންޒައިމް ހުންނަންޖެހެނީ 0.5 ޓު 55ގައި އެކަމަކު ހުރީ 1000އަށް އަރާފައި. ނޭންގެ ކޮން އެންޒައިމެއްކަމެއް ކީތްކުރާ އެންޒައިމެއް ކަމެއް މަތިވަނީ ކީއްވެ ކަމެއް ވެސް ނުބުނޭ. އެކަހަލަ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރޭ،" ދައްތަ ބުންޏެވެ.

މި ދުޅައާއި ފުފުން މަޑުކުރުމަށްޓަކައި ހޮސްޕިޓަލުން މިދިޔަ ހަފުތާގެ އާދިއްތަ އަދި ހޯމަ ދުވަހު އިންޖެކްޝަނެއް ދިނެވެ. މި އިންޖެކްޝަންގެ ސަބަބުން ތުއްތު ޔޫނުސްގެ ދުޅަ އަންގާރަ ދުވަހު މަޑުވިއެވެ. ނަމަވެސް، ބަނޑު ހުރީ އޭރު ވެސް ވަރަށް ބޮޑަށް ފުއްޕާފައެވެ.

އިންޖެކްޝަން ޖެހުމުން ކުއްޖާގެ މޫނާއި އަތާއި ފައިގައި ހުރި ދުޅަ ތިރިވުމުން، ހުރިހާކަމެއް ރަނގަޅުވަނީ ކަމަށް އާއިލާއިން ތިބީ އުންމީދުކޮށްގެންނެވެ. ހޮސްޕިޓަލުން ބުނީ، އިންޖެކްޝަން ދިނުމުން ކުއްޖާގެ ގައިން ފްލުއިޑް ބޭރުވެ ރަނގަޅުވަނީ ކަމަށެވެ. ނަމަވެސް، ކުއްޖާގެ ބަނޑު އޭރުވެސް ކުޑައެއް ނުވެއެވެ.

ބުއްފުޅިއާއި ފެނުގެ އިތުރުން ތުއްތު ޔޫނުސް އިތުރު އެއްޗެއް ނުކައެވެ. ކުއްޖާގެ ހާލަތު ރަނގަޅު ނުވާތީއާއި، ހޮސްޕިޓަލުގައި ފަސް ދުވަސް ވީއިރު ވެސް އެއްވެސް ބައްޔަކަށް ޑައިގްނޯސް ނުކުރާތީ އާއިލާއިން އެދުނީ، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ކުއްޖާ ދައްކައިދިނުމަށެވެ. މި އެދުމުގެ މަތިން ބުރާސްފަތި ދުވަހުގެ ރޭ ކުއްޖާ ބެއްލެވީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ, ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށް އާއިލާއިން ބުނެއެވެ.

"ލިވާއާ ގުޅުންހުރި ވާހަކައަކަށް އޭރު ބުނީ ލިވާގައި ހުރި އެންޒައިމެއް މަތިވަނީއޭ. އެހެން އެކަނި ބުނީ ކުރިން އިތުރު އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނެތް. ޑޮކްޓަރު ދުރުވެ ބޭބީ ބައްލަވާފައި ބުނީ، ބޭބީގެ ލިވާ ވަރަށް ބޮޑަށް ހަލާކު ވަނީއޭ، ބޭރަށްދާން ރެޑީވާށޭ. އެއީ ހަމައެކަނި ދިން ޑައިގްނޯސިސް އަކީ އަދި އަދާހަމައަށް ވެސް އިތުރު އެއްވެސް ޑައިގްނޯސިސްއެއް ނުދޭ،" ޔުނާލް ކިޔައިދިނެވެ.

އައިޖީއެމްއެޗް ކުރިމަތި: ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅު އަށް މަހުގައި މަރުވިއިރު، އައިޖީއެމްއެޗަށް ބޮޑެތި ތުހުމަތުތަކެއް -- ފޮޓޯ/ މާނިއު މުހައްމަދު

ކަންދިމާކުރިގޮތުން ވަގުތު ދިމާވީ ހިޖުރީ އައު އަހަރާއެވެ. އެހެންކަމުން ސަރުކާރު ބަންދެވެ. ކުއްޖާގެ ހާލު ބަލަން އަންނަ މެޑިކަލް އޮފިސަރުންގެ ޓީމަކުން ބުދަ އަދި ބުރާސްފަތި ދުވަހު ހަދަން އެދުނު ސްކޭނެއް ކުއްޖާ ވަކިވެދިޔައިރު ވެސް ހަދާފައެއް ނުވެއެވެ. ހޮސްޕިޓަލުން ބުނިގޮތުގައި މި ސްކޭން ނުހެދުނީ ސަރުކާރު ބަންދުވުމުންނެވެ.

ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އާއިލާއިން ކެނޑިނޭޅި މަސައްކަތް ކުރީ ކުއްޖާ ރާއްޖެއިން ބޭރަށް ފޮނުވުމަށް އަލިމަގެއް ފެނޭތޯއެވެ. އޭރު ކުއްޖާ ހާލަތު ދިޔައީ ދަށްވަމުންނެވެ.

"އޭރު އެންމެ އަވަހަށް ދާ ފްލައިޓަކަށް އިނީ އިންޑިގޯ. އެކަމަކު އިންޑިގޯއަކަށް އޮކްސިޖަން ޓޭންކެއް ނޭރުވޭ. އެހެންވީމައި މޯލްޑިވިއަންއިން އެންމެ ކުރިންދާ ފްލައިޓަކަށް އާސަންދަ ހަމަޖައްސައިދީ އޮކްސިޖަން ޓޭންކު އެރުވޭގޮތް ހަދައިދިނުމަށް އެދުނީ. އާސަންދަ ހަމަޖެހުނީ ކޮއްކޮ ނިޔާވިތާ 10 މިނިޓު ފަހުން،" ކުރެހިފައިވާ އަޑަކުން ޔުނާލް ކިޔައިދިނެވެ.

ހުކުރު ދުވަހުގެ ރޭ ކުއްލިއަކަށް ޔޫނުސްގެ އޮކްސިޖަން ދައްވާން ފަށައި ޔޫނުސް މަރުވި ވަގުތު ކަންވީގޮތް ވެސް އޭނާ ހިއްސާކުރިއެވެ. ޔޫނުސްގެ އޮކްސިޖަން ދައްވާން ފެށުމުން ސީޕީއާރުދޭން އައީ މެޑިކަލް އޮފިސަރުންތަކެކެވެ. ސީޕީއާރު ދިން ވަގުތު ކޮންމެވެސް ވަރަކަށް މެޝިނުން ވިންދު ދެއްކިއެވެ.

"މަންމަ ހުރީ ބަލަން. މަންމަ ބުނީ ވިންދު ދެއްކީމަ ޝޮކް ދޭން ބެލިއިރު، ޝޮކް ނުދެވުނީ މެޝިންގައި ޖަހާ ސްޕޮންޖްކޮޅެއް ނެތީމައޭ. މެނުއަލީ ސީޕީއާރު ދެނިކޮށް ނިޔާވީ. ނިޔާވި ފަހުން ވެސް 15 ވަރަކަށް މިނިޓު ވަންދެން ސީޕީއާރު ދިން،" ޔުނާލް ކިޔައިދިނެވެ.

ކުއްޖާގެ އަތާއި ފައިގެ ކުލައަށް އައި ބަދަލުންނާއި ކުއްޖާ ފިނިވާން ފެށުމުން ކުއްޖާ މަރުވެއްޖެކަން ބަލަން ހުރި ކުއްޖާގެ މަންމައަށް ދެނެގަނެވުނެވެ. ނަމަވެސް، މެޑިކަލް އޮފިސަރުން ގާތު ސީޕީއާރު ހުއްޓައިލުމަށް އޭނާ އެދުމުން ވެސް ހުއްޓައި ނުލިކަމަށް ޔުނާލް ބުންޏެވެ.

"ސީޕީއާރު ދެމުންދެމުން ގޮސް އަނގައިންނާއި ނޭފަތުން ހޯސްލާފައި ލޭ އަންނަން ފެށީމައި ސީޕީއާރު ދިނުން ހުއްޓައިލީ. އެހާއިރު ވަންދެން ސީޕީއާރު ދިން. އެތައް ފަހަރެއްމަތިން ރިކުއެސްޓް ކުރި ސީޕީއާރު ހުއްޓައިލަން" ޔުނާލް ބުންޏެވެ.

ކޮއްކޮގެ މަރުގައި ހުރި އިތުރު ކަންބޮޑުވުންތައް ފާހަގަކުރަމުން ޔުނާލް ބުނީ ކުޑަ ކުދިންނަށް ޚާއްސަ ޑޮކްޓަރު, ބެއްލެވުމަށްފަހު ހާލަތު ބުނެދިނުމުން، ބޭރަށް ފުރެންދެން ކޮއްކޮ އައިސީޔޫއަށް ލައިދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް، ޔޫނުސް އައިސީޔޫއަށް ލާންޖެހޭ ހާލަތެއް ނެތްކަމަށް ހޮސްޕިޓަލުން ވާހަކަ ދެއްކި ޑޮކްޓަރު ބުނިކަމަށް ޔުނާލް ބުންޏެވެ.

އައިޖީއެމްއެޗުން އައިސީޔޫއަށް ނުލެވޭ ނަމަ، ކޮއްކޮ ދޫކޮށްދިނުމަށާއި އެހެން ހޮސްޕިޓަލަކުން ވެސް އައިސީޔޫގައި ފަރުވާ ދެވިދާނެ ކަމަށް ވެސް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް، އެ ފުރުސަތު ވެސް އާއިލާއަށް ހޮސްޕިޓަލުން ދީފައެއްނުވެއެވެ. ޔޫނުސް އައިސީޔޫއަށް ނުލެވުނީ އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައި ވުމުންކަން ނަރުހުންގެ ފަރާތުން އެނގުނީ މާ ލަހުންނެވެ.

"ދެން ކޮއްކޮ ނިޔާވެގެން ދިން ޑެތް ރިޕޯޓުގައި މަރުގެ ސަބަބަކަށް ޖަހާފައި ވަނީ ލިވާ ފެއިލިއާ. ޑައިގްނޯސިސްއާ މަރާ ދެމެދު ހަތް ދުވަސް ފާއިތުވި ކަމަށް އެ ރިޕޯޓުގައި ޖަހާފައިވޭ. އަޅުގަނޑުމެންނަކަށް ނާންގާ. މިކަން އެނގުނު ނަމަ ވީއެންމެ އަވަހަކަށް ބޭރަށް ގޮސް ކޮއްކޮއަށް ބޭނުންވާ އެންމެ ރަނގަޅު ފަރުވާ އަޅުގަނޑުމެންނަށް ފޯރުކޮށްދެވުނީސް،" ޔުނާލް ބުންޏެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް, "ސަން" އަށް ވިދާޅުވީ މި މައްސަލަ ސަމާލުކަމަށް އައުމާއެކު އެކަން ބަލަން ފަށައިފާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ތެރޭގައި މިވަގުތު އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަން ހިނގި ގޮތާމެދު އެއްޗެއް ދެންނެވޭނީ މި މައްސަލަ ބަލައި ނިމުމުން," ހަލީމް ވިދާޅުވިއެވެ.

މީގެކުރިން ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގައި، އިހުމާލުގެ އިނގިލި އައިޖީއެމްއެޗަށް ދިއްކޮށްފައި ވެއެވެ. މިފަހަރު އިހުމާލުގެ ތުހުމަތާއެކު މި ފަނާވަނިވި ދުނިޔެއާ ވަކިވެ ދިޔައީ 20 އަހަރުގެ ކައިވެންޏަށް ލިބުނު އެންމެ ފުރަތަމަ ފިރިހެން ދަރިފުޅެވެ.

comment ކޮމެންޓް