ފުރަމާނަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ: ފުރަމާނަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް --- ފޮޓޯ/ ރައީސް އޮފީސް

ސިންގަޕޫރުގެ ރައީސް ތަމްރަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން, ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އެ ގައުމަށް ފުރަމަނާ ދަތުރުފުޅެއް ކުރުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދުން ފެށިގެން އެ ދަތުރުފުޅުގެ ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސާއި އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ޤައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ ބައްދަލުކުރުންތަކުގައި ދެ ގައުމަށް މަންފާކުރާނެ ތަރައްޤީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އޭގެއިތުރުން، މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވާނެއެވެ.

ރައީސް އޮފީހުން ބުނީ، ސިންގަޕޫރާ ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން، ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

comment ކޮމެންޓް