އާއިލާގެ އެއްވެސް މީހެއްގެ ފަރާތުން އެކްޓިންއާ ގުޅޭ ތަމްރީނުތަކެއް ނުހޯދަން: ކަރިޝްމާ

އިންޑިއާގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަޝްހޫރު ފިލްމީ އާއިލާ، ކަޕޫރު ޚާންދާނަށް ނިސްބަތްވާ ބަތަލާ ކަރިޝްމާ ކަޕޫރު ފިލްމީ ކެރިއަރު ފެށުމަށްފަހު މިއަދާ ހަމައަށް ވެސް އެކްޓިންއާ ގުޅޭ ތަމްރީނެއް އާއިލާގެ އެއްވެސް މީހެއްގެ ފަރާތުން ނުހޯދާ ކަމަށް ބަތަލާ ބުނެފިއެވެ.

ލެހެރަންއަށް ދިން އިންޓަވިއުގައި ބަތަލާ ބުނެފައި ވަނީ އެ އާއިލާއަކީ ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ސުޕަ ސްޓާރުން ކަމަށްވާ ޝަޝީ ކަޕޫރު، ރިޝީ ކަޕޫރު އަދި ޝައްމީ ކަޕޫރު ފަދަ ޝަހުސިއްޔަތުން ނިސްބަތްވާ އާއިލާއަކަށްވީ ނަމަވެސް ބަތަލާގެ ބޮޑު ބޭބެއިން ކަމަށްވާ ރިޝީ ކަޕޫރާއި، ޝަޝީ ކަޕޫރުގެ އެހީތެރިކަން ވެސް މިހާތަނަށް ހޯދާފައި ނުވާނެ ކަމަށެވެ.

ކަޕޫރު ޚާންދާނަށް ނިސްބަތްވާ ކުރީގެ އެކްޓަރު ރިޝީ ކަޕޫރު އަދި ކަރިޝްމާގެ ބައްޕަ ރަންދީރު ކަޕޫރު މަންމަ ރާޖް ކަޕޫރާއި ކްރިޝްނާ ރާޖް ކަޕޫރާ އެކު--ފޮޓޯ/ޕިންކްވިލާ

ކަރިޝްމާ ބުނީ ކަޕޫރު އާއިލާއަކީ އަބަދުވެސް އެކުވެރިކަމުގެ ބަދަހި ގުޅުން އެ އާއިލާގެ މެމްބަރުންގެ މެދުގައި ދަމަހައްޓަން އެކަކު އަނެކަކަށް ބާރުއަޅާ އާއިލާއެއް ކަމަށެވެ. އާއިލީ ގުޅުން އަބަދުވެސް އެންމެންގެ މެދުގައި އޮންނައިރު އާއިލާގެ މެމްބަރުންގެ ޕްރޮފެޝަނަލް ދިރިއުޅުމުގެ މަސައްކަތްތަކުގައި އެއްވެސް މީހަކު ގޮތްކިޔާ ނަހަދާ ކަމަށެވެ.

ކަޕޫރު ޚާންދާންގެ އަންހެނުން ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމަކީ ކަރިޝްމާގެ ކާފަ ރާޖް ކަޕޫރު އެއްވެސް އިރަކު ބޭނުންވި ކަމެއް ނޫންކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ކަރިޝްމާ ވަނީ މި އިންޓަވިއުގައި އަލިއަޅުވާފައެވެ.

ކަރިޝްމާ ބުނީ އެއީ އެއްގޮތަކަށް ވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށާއި އެ ވާހަކަ އެގޮތަށް ފެތުރެން ފެށީ ކަރިޝްމާގެ މަންމަ ބަބީތާ ކަޕޫރާއި، ބޮޑު ބޭބެ ރިޝީ ކަޕޫރުގެ އަންހެނުން ނީތޫ ކަޕޫރު ކައިވެންޏަށްފަހު ފިލްމީ ދާއިރާއާ ދުރުގައި އުޅެން ނިންމުމުން ކަމަށް ކަރިޝްމާ ވަނީ ބުނެފައެވެ.

އެއީ މަންމަ ބަބީތާއާއި، ނީތޫ ކަޕޫރުގެ އަމިއްލަ ނިންމުމެއް ކަމަށާއި ކަރިޝްމާ ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށް ނިންމި ނިންމުމަށް ބަތަލާގެ މައިންބަފައިންގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ކަރިޝްމާ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ހިތުގައި އަޒުމް ކަނޑައެޅީ ކާފަ ރާޖް ކަޕޫރު ފަޚުރުވެރިވާފަދަ ތަރިއަކަށްވުމަށް ކަމަށާއި އެކަން ހާސިލުކުރެވިއްޖެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ހަމައެއާއެކު ކާފަ ރާޖް ކަޕޫރުގެ ނަމަށް ހުތުރުވާފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނެ ކަމަށް ވީ ވައުދު އަދިވެސް ދަމަހައްޓަމުން އަންނަ ކަމަށް ގައުމީ އެވޯޑު ހާސިލުކޮށްފައިވާ ބަތަލާ ވަނީ ބުނެފައެވެ.

ކަރިޝްމާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "މާޑާ މުބާރަކް"އިންނެވެ.

comment ކޮމެންޓް