ސްޓޫޑެންޓް ލޯނަށް ކުރި ޚަރަދު 39 އިންސައްތަ ދަށަށް, ދަރިވަރުންގެ ޝަކުވާ ބޮޑު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: މިދިޔަ އަހަރަށްވުރެ މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރި ޚަރަދު 39 އިންސައްތަ ދަށަށް ގޮސްފި -- ފޮޓޯ/ ރައީސް އޮފީސް

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 39 އިންސައްތަ ދަށްވެއްޖެއެވެ.

ސަރުކާރުން މި އަހަރު ސްޓޫޑެންޓް ލޯނަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައި ވަނީ 768 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލު ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި، މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައި ވަނީ 203.1 މިލިއަން ރުފިޔާއެވެ.

އަހަރު ދެބައިވެފައިވާއިރު، މިއީ މި އަހަރަށް ބަޖެޓުކުރި އަދަދުގެ 26 ޕަސެންޓެވެ. އަދި އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 39 އިންސައްތައިގެ ދަށްވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ސްޓޫޑެންޓް ލޯނަށް 331 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އެ ހިސާބުތައް އާންމުކުރިއިރު، ދަރިވަރުންގެ ސްޓޫޑެންޓް ލޯނު ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވުމުގެ މައްސަލަ އޮތީ ބޮޑުވެފައެވެ.

ވަކިން ޚާއްސަކޮށް ރާއްޖެއިން ބޭރުން ސްޓޫޑެންޓް ލޯނުގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ އެކަމުގައި ބޮޑެވެ.

އެ ކަމާ ގުޅޭގޮތުން އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށެވެ.

އޭގެ ފަހުން މެއި 13 ވަނަ ދުވަހު ވެސް މަޖިލީހަށް ވަޑައިގެން ހައިދަރު ވަނީ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/207644

އެ އެޕް ތައާރަފުކުރުމުގެ ކުރިން ވެސް ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް އެ ކަމަށް ޚާއްސަ ވަޓްސްއެޕް ނަންބަރުތަކެއް ކަނޑައަޅުއްވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އެގޮތުން, 50 ދަރިވަރުންނަށް ވުރެ ގިނައިން ދަރިވަރުން އުޅޭ ކޮންމެ ގައުމަކަށް ވަކި ނަންބަރެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް އޭގެ ފުރަތަމަ ނަންބަރު ތައާރަފުކޮށްފައިވާ ކަމަށް ވެސް އެ ދުވަހު ހައިދަރު ވިދާޅުވިއެވެ.

އޭގެ ފަހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވެސް، ސްޓޫޑެންޓް ލޯން ލިބުން ލަސްވާ މައްސަލައިގައި ހައިދަރު މަޖިލީހަށް ހާޒިރުކުރަން މަސައްކަތް ކުރުމުން، ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ ވަނީ އުޒުރުވެރިވެވަޑައިގެންފައެެވެ.

ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.

އެ ފައިސާ ހަމަޖައްސައިދިނުމުގައި މަރުހަލާތަކެއް އޮންނައިރު، ކުރިޔަށްވުރެން އެ މަރުހަލާތަކަށް ހޭދަވާ މުއްދަތު މިހާރު ކުރުވާނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ސްޓޫޑެންޓު ލޯނުގެ ފައިސާ ލަސްނުވެ ހަމަޖައްސައިދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބޭރުން ހޯދަން ޖެހޭ އެހީތެރިކަމެއް ވިޔަސް ހޯދާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ޚާއްސަކޮށް، ސްޓޫޑެންޓް ލޯން 'އިސްލާމިކް'ކޮށް، ލޯނަށްވުރެ އިތުރަށް ފައިސާ އަނބުރާ ނުހޯދާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ނަމަވެސް އަދިއަދާ ހަމައަށް ވެސް ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އެކަމުގައި އެބައޮތެވެ.

comment ކޮމެންޓް