ދެކުނު ކޮރެއާގައި ކުރިއަށްދާ 21 އަހަރުން ދަށުގެ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި ފަސޭހަކަމާއެކު ސައުދީ އަރަބިއްޔާ ބަލިކޮށްފިއެވެ.
ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ މުބާރާތުގައި މިއަދު ހެނދުނު ރާއްޖެއިން ސައުދީ ބަލިކޮށްފައިވަނީ 53 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. އެއީ 73-20 އިންނެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޗައިނީސް ޓައިޕޭ ބަލިކޮށްފައެވެ. އެއީ 51-26 ޕޮއިންޓުންނެވެ. ދެވަނަ މެޗުގައި އިއްޔެ ޖަޕާން އަތުން ރާއްޖެ މޮޅުވެފައިވަނީ 59-32 ޕޮއިންޓުންނެވެ. ސައުދީ އަތުން ހޯދި މޮޅާއެކު މިއީ ރާއްޖޭގެ ތިންވަނަ މޮޅެވެ.
ހަ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ޖޫނިއާ ނެޓްބޯޅަ ޓީމުން މި މުބާރާތާ ކުރިމަތިލިއިރު، މި ޓީމުން ވަނީ ދާދިފަހުން ޗައިނާގެ ހޮންގް ކޮންގުގައި ބޭއްވި ބައުހީނިއާ ކަޕުގައި ވާދަކޮށް ތިންވަނަ ހޯދާފައެވެ.
ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުން ދަނީ ވާދަކުރަމުންނެވެ. މި މުބާރާތުގެ ގަދަ ފަސް ޓީމު ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ދެން ބާކީ ތިބި ޓީމުތައް ކުޅެން ޖެހޭނީ ޕްލޭޓަށެވެ.