އޯކިޑް ބިލްޑިންގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ)އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ އިމިގްރޭޝަން ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އިމިގްރޭޝަން ގުދަނަކުން ވަގަށް ނެގި އިލެކްޓްރޯނިކް ސާމާނު ވިއްކަން ހުއްޓައި ހައްޔަރުކުރި މީހާ -- ފޮޓޯ/ ފުލުހުން
އެ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަށް މައުލޫމާތު ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އިމިގްރޭޝަންގެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިންޖީނު ސްޕެއާ ޕާޓްސްއާއި، އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.