މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އެކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބާއްވައިފިއެވެ.
މި ޖަލްސާގައި އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާޙް ވަނީ ބައިވެރިވަޑައިގެންފައެވެ. އަދި އެމްއޭސީއެލްގެ ބޯޑު މެމްބަރުންނާއި، ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން، އެކްސްކޯ މެމްބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ޖަލްސާގައި ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ މުހިންމު ހިސާބުތައް އާންމުކޮށްފައެވެ.
އެގޮތުން އެމްއޭސީއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާވަނި ލިބިފައެވެ. މިދިޔަ އަހަރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހޭދަވި ނަމަވެސް، ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލައި އިރު 32.2 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއީ ކުންފުނީގެ ތާރީހުގައި ވެސް މިވަރުގެ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނޫރައިން ވިދާޅުވީ އެމްއޭސީއެލްއިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ އެމްއޭސީއެލްއަށް އިތުރު ކާމިޔާބީތައް ލިބިގެންދިއުން ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އެމްއޭސީއެލްއިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެ ގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް ވަނީ އަރުވައިފައެވެ.

އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް
ސީއީއޯ ޝަރީފް އިތުރަށް ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ އާ ޓާމިނަލާއެކު ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށެވެ. އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މައި އެއާޕޯޓުކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބަލަހައްޓާ އެމްއޭސީއެލްއިން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އެ އެއާޕޯޓުގެ އާ ފަސިންޖާ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ.
އަންނަ މަހުގެ 26ގައި އާ ޓާމިނަލް ހުޅުވާއިރު، އެ ތަނުގެ ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއްވަނީ ޤާއިމްކޮށްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.