ކްރޮސް ސަބްސިޑީގެ އުސޫލުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ތެރެއިން، ހަ އަތޮޅެއްގައި 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 އެމެރިކާ ޑޮލަރުން 1،000،000 ޑޮލަރަށް ކުޑަކޮށް، ބޮޑެތި ލުއިތަކެއް ދީފިއެވެ.
ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ޓަކައި، އެ ސަރަހައްދުތަކުގައި ރިޒޯޓު ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ލުއިތައް ދިނުމަށް ހަމަޖައްސާފައިވާ އުސޫލު މިއަދު ވަނީ އާންމުކޮށްފައެވެ.
އޭގެ ތެރޭގައި ކުއްޔަށް ދޫކުރާ ރަށްތަކުގެ "ލީސް އެކުއިޒިޝަން ޕާ ހެކްޓަރު" ރޭޓުތައް ވަނީ ކުޑަކޮށްފައެވެ.
އެ ގޮތުން ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 އާއި 40 ހެކްޓަރާ ދެމެދުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް ވަނީ އުނިކޮށްދީފައެވެ. އަދި އެ ހަ އަތޮޅުން 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް، 2،000،000 އެމެރިކާ ޑޮލަރުން 1،000،000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ.
މި އުސޫލުގެ ތެރެއިން ވަނީ:
- ކްލޯޒް ބިޑިންގެ ދަށުން ތ. އަތޮޅުގެ ރަށްތަތަކުގެ ލޮކޭޝަން ޕްރިމިއަމް އުނިކޮށްދީފައި
- ކްލޯޒް ބިޑިންގެ ދަށުން ހއ، ހދ، ށ، ތ އަދި އައްޑު އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރިމިއަމް އުނިކޮށްދީފައި
- ކްލޯޒް ބިޑިންގެ ދަށުން ލ. އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރިމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން
މީގެ އިތުރުން ކްރޮސް ސަބްސިޑީގެ ދަށުން ކުއްޔަށް ދޫކުރާ ރަށްތައް ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑު ހަމަވުމުގެ ކުރިން، އެ ތަނެއް ތަރައްގީކޮށް ހުޅުވުމުން، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑުގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ވެސް މި އުސޫލުގެ ތެރެއިން ފަސްކޮށްދޭނެއެވެ.
އަދި މިފަދައިން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފުކުރެވޭ ޕަސަންޓު 15އަށް އިތުރުކުރުމާއި، ޑިއުޓީ މައާފުކުރެވޭ ކެޓަގަރީތައް އިތުރު ކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަރުނީޗަރާއި، ބަދިގޭ ސާމާނާއި، އިކުއިޕްމަންޓު، އިލެކްޓްރޯނިކްސް އަދި އެމްނިޓީސްއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ލުއިތަކާއެކު ހއ، ހދ، ށ، ތ، އަދި ލ އަތޮޅުން 31 ޕްރޮޖެކްޓު އޯޕަން ބިޑިން، ކްލޯޒް ބިޑިން އަދި ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހުޅުވައިލެވޭނެ ކަމަށެވެ.
ކްލޯޒް ބިޑިން:
- ހއ. އަތޮޅުން 2 ޕްރޮޖެކްޓު
- ހދ. އަތޮޅުން 5 ޕްރޮޖެކްޓު
- ތ. އަތޮޅުން 3 ޕްރޮޖެކްޓު
- ލ. އަތޮޅުން 2 ޕްރޮޖެކްޓު
އޯޕަން ބިޑިން:
- ހއ. އަތޮޅުން 3 ޕްރޮޖެކްޓު
- ހދ. އަތޮޅުން 5 ޕްރޮޖެކްޓު
- ށ. އަތޮޅުން 3 ޕްރޮޖެކްޓު
- ތ. އަތޮޅުން 2 ޕްރޮޖެކްޓު
- ލ. އަތޮޅުން 1 ޕްރޮޖެކްޓު
މިއިން ކޮންމެ އަތޮޅެއްގައި ވެސް ހަލާލް ޓޫރިޒަމް މޮޑެލްއަށް ޚާއްސަ އެއް ޕްރޮޖެކްޓުވަނީ ހިމަނައިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ލުއިތަކުގެ ސަބަބުން އެ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އެ ގޮތުން އައު ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، މި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކާއި ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވުމާއެކު އިގުތިސާދީ ހަރަކާތްތެރިކަން ފުޅާވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.