އައިޖީއެމްއެޗުގެ އިހުމާލަކުން މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރާ އަށް މަހުގެ ތުއްތު ކުއްޖާގެ ހާލަތު އެ ހޮސްޕިޓަލުން ގެންދިޔައީ ބަރާބަރަށް މޮނިޓާކޮށް ޓެސްޓުތައް ހަދަމުން ކަމަށާއި ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވީ, ގދ. ތިނަދޫ, އަލަމާވިލާ, އެންމެ އަށް މަހުގެ, ޔޫނުސް ހުސައިން އަބްދުﷲއެވެ. ޔޫނުސްގެ އާއިލާއިން ތުހުމަތު ކުރަނީ އެކަށީގެންވާ ފަރުވާ ނުދީ, އަދި ކުއްޖާގެ ހާލަތު އާއިލާއަށް ބުނެ ނުދީ ސިއްރުކޮށްފައި ވަނިކޮށް އެ ކުއްޖާ މަރުވީ ކަމަށެވެ.
ޔޫނުސްގެ މަރާއި ގުޅޭގޮތުން އާއިލާއިން އައިޖީއެމްއެޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަނިކޮށް އެ ހޮސްޕިޓަލުން ވަނީ އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ.
އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި ވަނީ ސިއްހީ ފަރުވާ ދިނުމާ ބެހޭގޮތުން އެ ހޮސްޕިޓަލަށް ހުށަހަޅާ ކޮންމެ ޝަކުވާއަކީ އެ ހޮސްޕިޓަލުން ސީރިއަސްކޮށް ބަލާނެ މައްސަލައެއް ކަމަށް ބުނެފައެވެ.
އެގޮތުން ތުއްތު ކުއްޖާގެ މައްސަލައިގައި ސޯޝަލް މީޑިއާގައި ދެކެވެމެންދާ ވާހަކަތަކަށް ރައްދުދީ ހޮސްޕިޓަލުން ބުނެފައިވަނީ ކުއްޖާގެ ބަލި ހާލަތު ހުރިގޮތުން ކުޑަކުދީންގެ ޑޮކްޓަރުންގެ ޓީމުން މޮނިޓާކޮށް އެވަގުތު ދެވޭނޭ ފަރުވާދީ، ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދިޔަކަމަށެވެ.
އަދި ރެކޯޑުތައް ދައްކާގޮތުން އެ ޑިޕާޓްމެންޓުގެ މެޑިކަލް އޮފިސަރުންގެ އިތުރުން، ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރުން ވޯޑަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައި ވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ހޮސްޕިޓަލުން ބުނެފައިވަނީއެ ހޮސްޕިޓަކުން އަމަލުކުރާ ގޮތަަށް ބަލާއިރު، އައިސީޔޫގައި ފަރުވާދޭން ޖެހޭކަމަށް ޑޮކްޓަރުން ލަފާދޭނަަމަ އެކަން އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.
"ހޮސްޕިޓަލްގެ އައިސީޔޫ ފުރިއްޖެ ހާލަތުގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާސްފާ ކުރުމުގެ އިންތިޒާމް ހޮސްޕިޓަލުން ހަމަޖައްސައިދޭނެ،" އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ވެއެވެ.
ތުއްތު ކުއްޖަކަށް ނުވަތަ ބޮޑުމީހަކަށް ޖެހޭ ހުމެއް ނުވަތަ އިންފެކަޝަނަކާ ގުޅިގެން ދިމާވާ ނުރައްކާތެރި ބައެއް ކަންކަމަކީ، ފުރާނައަށް ވެސް ގެއްލުންވެދާނެ ކަންކަން ކަމަށާއި، ދޭންޖެހޭ ސިއްޚީ ފަރުވާ ދުރާލައި ދެނެގަންނަން އުނދަގޫވާ ކަންކަންކަން އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
"އަދި މިފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ފަހަރު ވެސް ދިމާވެދާނެ،" ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވެއެވެ.
އެހެންކަމުން އެފަދަ ކޮންމެ ހާދިސާއެއް ދިމާވުމުން، ހޮސްޕިޓަލުގެ އެތެރޭގައި ތަހުގީގެއް ކުރެވި، ޚިދުމަތާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަންނަ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ތުއްތު ކުއްޖާގެ މައްސަލަ ވެސް ހޮސްޕިޓަލުން އިތުރައް ބަލާކަމަށާއި، ބަލިމީހުންނާއި އާއިލާތަކުން ކުރާ ތަޖުރިބާތައް ދެނެގަނެ އެކަންކަން އިސްލާހުކުރާކަމުގެ ޔަގީންކަން އެ ހޮސްޕިޓަލުން ވަނީ ދީފައެވެ.
އަދި އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވުމުން އެކަމާ ހިތާމަކުރާކަމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރާކަމަށް ވަނީ ބުނެފައެވެ.
ތުއްތު ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ވެސް މިހާރު ވަނީ ބަލަން ފަށާފައެވެ.