ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އިސްތިރީ" ގެނެސްދިން މެޑްޑޮކް ފިލްމްސްއިން އަލަށް އުފައްދާ ހޮރޯ ކޮމެޑީއަށް އެކްޓަރު ރަންވީރު ސިންގް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭގައި ބުނެފައިވާ ގޮތުން މި ފިލްމާ ގުޅޭގޮތުން ޕްރޮޑިއުސަރު ދިނޭޝް އަންނަނީ ރަންވީރާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
މިޑް-ޑޭއިން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ޝޫޓިންގް އަންނަ އަހަރުގެތެރޭ ފަށަން ނިންމާފައިވާއިރު ރަންވީރާ އެކު ފިލްމުގައި ބަތަލާގެ ރޯލަށް ގެންނަން ނިންމާފައި ވަނީ އިންޑިއާއަށް މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްދިން ބަތަލާ މަނޫޝީ ޗިލާއެވެ. ނަމަވެސް ފިލްމާ ގުޅޭ ތަފްސީލުތައް ހާމަކޮށްފައިނުވާއިރު މި ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ރަންވީރު ސިންގް ބަތަލާ މަނޫޝީ ޗިލާއާ އެކު--ފޮޓޯ/މިޑް-ޑޭ
މި ފިލްމުގެ މަސައްކަތް ރަންވީރު ފަށާނީ އެކްޓަރު މިހާރު މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމު "ދުރަންދަރު"ގެ މަސައްކަތް ނިމުމުންނެވެ. ހަމައެއާއެކު ރަންވީރު އަންނަނީ އެކްޓަރުގެ ކެރިއަރުގެ އެންމެ ބޮޑު އެއް ފިލްމު ކަމަށްވާ "ޑޮން 3"ގެ މަސައްކަތް ވެސް އަންނަ އަހަރު ފަށަން ތައްޔާރުވަމުންނެވެ.
މީގެކުރިން ހޮރޯ ކޮމެޑީގެ ޖޯންރާއަކުން ރަންވީރު ފެނިފައިނުވާތީ މިއީ އެކްޓަރަށް މުޅިން އާ ތަޖުރިބާއެއް ކަމަށާއި މުޅިން ތަފާތު އާ ކެރެކްޓާއަކުން ރަންވީރު ފެނުމަކީ އޭނާގެ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ރަންވީރު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދަރުމާ ޕްރޮޑަކްޝަންއިން ކަރަން ޖޯހަރު ޑައިރެކްޓްކޮށް 2023ވަނަ އަހަރު ގެނެސްދިން ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކާހާނީ"އިންނެވެ.