ޖޯން ސުޕަހީރޯއެއްގެ ރޯލަށް ތައްޔާރު ވަނީ

ބޮލީވުޑް އެކްޓަރު ޖޯން އަބްރަހަމް--ފޮޓޯ/ބޮލީވުޑްހަންގާމާ

މިހާތަނަށް ގިނައިން އެކްޝަން ރޯލްތަކުން ފެނިފައިވާ ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ސުޕަހީރޯއެއްގެ ރޯލަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"މަންކީމޭން"ގެ ނަމުގައި އުފައްދާ މި ފިލްމަކީ ޕްރޮޑިއުސަރު މަހާވީރު ޖެއިން ފްރެންޗައިސެއްގެ ގޮތުގައި އުފައްދަން ނިންމާފައިވާ ފިލްމެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭނެ މި ފިލްމުގެ ޑައިރެކްޓަރަކީ 2018 ވަނަ އަހަރު ޖޯން ކުޅުނު ފިލްމު "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ގެނެސްދިން އަބީޝެކް ޝަރުމާއެވެ. އަބީޝެކް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ އަކްޝޭ ކުމާރު މުހިއްމު ރޯލްއިން ފެނުނު ފިލްމު "ރާމް ސޭޓޫ"އެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީ އަދި ޖޯން--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމަކީ މިހާތަނަށް ސިނަމާއަށް ގެނެސްދެވިފައިވާ ނުވާފަދަ ސުޕަހީރޯ ޖޯންރާއެއްގެ ފިލްމެއް ކަމަށާއި ފިލްމާ ގުޅޭ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޯން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ މާޗް މަހު ރިލީޒްކުރި ފިލްމު "ދަ ޑިޕްލޮމެޓް"އިންނެވެ.

ޖޯންގެ ކުރިއަށްހުރި ފިލްމުތަކުގެތެރެއިން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ ބަތަލާ މަނޫޝީ ޗިލާއާ އެކު ކުޅޭ އެކްޝަން ތުރިލާ "ތެހެރާން"އެވެ.

މީގެއިތުރުން ޖޯން އަންނަނީ ޑައިރެކްޓަރު ރޯހިތު ޝެޓީ އުފައްދާ ބައޮޕިކްގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ބައޮޕިކަކީ އިންޑިއާގެ ކުރީގެ ޕޮލިސް ކޮމިޝަނަރު ރާކޭޝް މާރިއާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.

comment ކޮމެންޓް