ގައުމީ ބޭންކް, ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 500 ޑޮލަރަށް ދެގުނަކޮށްފިއެވެ.
ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު 20 ރުފިޔާއާ ގާތްކޮށްފައިވާއިރު މިއީ ގިނަ ބަޔަކަށް ލިބޭނެ ލުޔެކެވެ. އޮންލައިންކޮށް ތަކެތި ގަތުމަށް ގިނަ ބަޔަކު ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުން ކުރާއިރު މިހާތަނަށް ބޭނުން ކުރެވެނީ މަހަކު 250 ޑޮލަރެވެ.
ބީއެމްއެލްއިން މިއަދު ބުނީ އެ ބޭންކުން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.
"ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެ" ބީއެމްއެލްއިން ބުންޏެވެ.
ބޭންކުން ބުނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ. މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ބޭންކުން ބުނެއެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރު ކަމަށް ވެސް ބޭންކުން ބުނެއެވެ.
ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިގޮތަށް ފާހަގަކުރެވޭ ބައެއް ސައިޓްތައް ކަމަށްވާ, ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ. އޭގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެއެވެ.
ހަމައެހެންމެ ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ބޭންކުން ބުނެއެވެ.
"ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށް. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް," ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ އަހަރުގެ އޮގަސްޓް, 25 ގައި އެއްކޮށް އުވައިލިއެވެ. އެކަމަކު، އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ ނިންމުން ބަދަލުކޮށްފައެވެ.
ރާއްޖޭގެ މާކެޓުގައި ޑޮލަރު ލިބުން ދަތިވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރަކަށް ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި މާރު ކުރަން ވަނީ މަޖުބޫރު ކޮށްފައެވެ. އެއާއެކު ބޭންކުތަކަށް ލިބޭ ޑޮލަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އަދި ވެސް އާއްމުން ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމާއި, އެ ބާޒާރުގެ އަގުތައް ދަށް ނުވުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ.