ކުދި ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރު ސަޕޯޓް ދޭ މިންވަރު 30 ޕަސެންޓަށް އިތުރުކޮށްފި

ދިވެހީންގެ އުފެއްދުންތަކެއް: ކުދި ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރު ސަޕޯޓް ދޭ މިންވަރު 30 ޕަސެންޓަށް ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރާ ޓީޓީ މުއާމަލާތްތަކަށް ބޭންކް ރޭޓުގައި ޑޮލަރު ދޭ މިންވަރު 30 ޕަސެންޓާ ހަމައަށް މިއަދު ބޮޑުކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، މީގެ ކުރިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓީޓީއަށް ޑޮލަރު ސަޕޯޓް ލިބެނީ ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އަދަދަކަށެވެ.

މިއަދު ބީއެމްއެލްއިން ކުރި އިއުލާނެއްގައި ވަނީ ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓް 30 ޕަސެންޓާ ހަމައަށް ބޮޑުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

ރާއްޖެއިން ބޭރުގައި އެކި ސަބަބުތަކަށް ޓަކައި ދިރިއުޅޭ ދިވެހީންނަށް ޑޮލަރު ފޮނުވުމަށާއި ބޭރުން ވިޔަފާރި ކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ޓީޓީ ޚިދުމަތް ބޭނުންކުރެއެވެ. އެ ޚިދުމަތް އަވަސްކުރުމަށް ޓަކައި ޓީޓީ ޕްރޮސެސް ކުރާ ވަގުތު ބީއެމްއެލްއިން ވަނީ 2023ގައި އިތުރުކޮށްފައެވެ.

އެ ބަދަލުގެ ދަށުން، ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތައް އެ ދުވަހަކު ޕްރޮސެސްކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފަައިވެއެވެ.

އެ ބޭންކުން މިއަދުވަނީ އިތުރު ބަދަލުތަކެއް ވެސް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރުމާއި ޓެމޫ ފަދަ ސައިޓްތަކުން ވިޔަފާރި ކުރުމުން 30 ޕަސެންޓްގެ ފީއެއް ނަގާނެކަން އިއުލާންކުރުން ހިމެނެއެވެ.

https://sun.mv/207977

ބޭންކް ރޭޓުގައި ޑޮލަރު ލިބެނީ 15.42އަށް ކަމަށްވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައެވެ.

ޑޮލަރުގެ އަގު އުފުލުމުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، މިދިޔަ އޭޕްރީމް މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, މިހާރު ބެލެވޭގޮތުގައި ރާއްޖެއަށް ކުރިމަތި ވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ 2027ގައެވެ. އެގޮތުން އެ ހިސާބުގައި ޑޮލަރުގެ އަގު 15.42އަށް ދަށްކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ވަރަށް ބޮޑުވުމާ ގުޅިގެން ސަރުކާރަށް ވަނީ ޚަރަދު ކުޑަ ކުރަން ޖެހި، އާމްދަނީ އިތުރުކުރަން ޖެހިފައެވެ. އެގޮތުން ދައުލަތަށް ލިބޭ ޑޮލަރު އިތުރު ކުރުމަށް ޓަކައި، ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރަކަށް ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި މާރު ކުރަން ވަނީ މަޖުބޫރު ކޮށްފައެވެ. އެއާއެކު ބޭންކުތަކަށް ލިބޭ ޑޮލަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އަދި ވެސް އާއްމުން ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމާއި, އެ ބާޒާރުގެ އަގުތައް ދަށް ނުވުމަކީ ކަންބޮޑުވުމެކެވެ.

comment ކޮމެންޓް