މިދިޔަ ބުދަ ދުވަހު ކާށިދޫ ކަނޑަށް ބަންޑުން ޖަހައިލި، ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް)ގެ ކޮޅުވެއްޓިން ގެއްލުނު ބިދޭސީ މީހާ އޮތީ މިހާރު، ކަނޑުއަޑީގެ 550 މީޓަރު ފުނުގައި އޮތް އެ ކޮޅުވެއްޓީގެ ވީލްހައުސް ތެރޭގައި ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
ތިން ސިފައިންނާއި، ތިން ބިދޭސީންނާއެކު ދަތުރުކުރި ސިވެކްގެ "އެލްސީ 308" ބަންޑުން ޖަހައިލީ، މާލެއިން ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެ ހާދިސާގައި ސިފައިންގެ މީހަކު ނިޔާވިއެވެ. ނިޔާވީ، ވޮރަންޓް އޮފިސަރު ދޭއް، ތ. ހިރިލަންދޫ ސީރީނުގެ އަލީ ހާމިދެވެ. އަދި ތިން ބިދޭސީންގެ ތެރެއިން އެކަކު ގެއްލުނެވެ. ގެއްލުނު ބިދޭސީ މީހާ، އޮތް ތަން މިހާރު އެނގުނަސް ނެގޭ ގޮތް ވަނީ ނުވެފައެވެ.
ބިދޭސީ މީހާ ހޯދަން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު ބިދޭސީ ފަޅުވެރިޔާ، އޮތީ ކޮޅުވެއްޓީގެ އިންޖީނު ރޫމު ތެރޭކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. މި ހާދިސާގައި ނިޔާވި، ހާމިދު ފެނިފައިވަނީ ވީލް ހައުސް ތެރެއިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އެ ކޮޅުވެއްޓި ފެތިފައި އޮތީ، ޅ. އަތޮޅާ އެއް މޭލު ދުރުން، 550 މީޓަރު އަޑިއަށް ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހައިލީ ޅ. އަތޮޅާ ފަސް ވަރަކަށް މޭލު ކައިރިވެފައިވަނިކޮށް ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވީ، ކޮޅުވެއްޓި ދިޔަވާން ފަށައި، ކުއްލިއަކަށް އަރިއަޅައިލައިގެން ކަމަށް ކެޕްޓަން ބުނެފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ވަގުތު، ހާމިދާއި ބިދޭސީ މީހާ ހުރީ ވީލް ހައުސް ތެރޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދުވަހުގެ ދަތުރަށް ފުރީ ކޮޅުވެއްޓީގެ ކެޕްޓަނަށް އެއްވެސް މަޖުބޫރުކުރުމެެއް ނެތި ކަމަށާއި، އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަަތަށާއި، މޫސުމަށް ބަލައިގެން ކެޕްޓަން ނިންމާ ނިންމުމެއްގެ މަތިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި ގޮތް ބެލުމަށް ޓަކައި އެތެރޭގެ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.