މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ހިންގަން އެލައިޑް ބިލްޑިންގުން ދޫކޮށްފައިވާ ތަނަށް ހަތަރު މަހުގެ ކުލި ނުދައްކައި އޮއްވައި، އެ ބޭންކުގެ ބޯޑަށް ހަތަރު މެންބަރުން އިއްޔެ އައްޔަނުކޮށްފިއެވެ.
ޑީބީއެމްގެ ބޯޑަށް އައްޔަނުކުރި މެންބަރުންނަކީ:
- މއ. މާފުނަ، ޙަސަން މިރާސް
- މ. ލަންސިމޫގެ، އަޙްމަދު އަޒްޔާން ޙަމީދު
- ދ. ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް
- ގދ. ރަތަފަންދޫ، ޗަނބޭލީވިލާ، އަޒްމީން ރަޝީދު
ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، އެބެންކަށް މެންބަރުން އައްޔަނުކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.
ޑީބީއެމަށް ހަތަރު މެންބަރުން އައްޔަނުކުރިއިރު، ޑީބީއެމްގެ ޚިދުމަތް ރަސްމީކޮށް ދޭންފެށިފައި ނުވި ނަމަވެސް، އެ ތަނަށް މިދިޔަ މާރިޗު 25ގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެ ބޭންކްގެ ސީއީއޯ ކަމަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަންކުރެއްވީ އޮގަސްޓް 26 ގައެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އޭނާ ވަނީ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ.
ސީއީއޯ އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ މިދިޔަ މަހުގެ 23 ވަނަ ދުވަހު, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސްވަނީ އިސްތިއުފާ ދެއްވައިފައެވެ.