ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގުތުސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލްވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ދިވެހި ފަންނުވެރިން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިގުތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސްގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އެގޮތުން ރާއްޖޭގެ ތާރީޚުގައި އަލަށް ފަށާ، ޕޭޕަލްގެ މުހިންމު ޚިދުމަތަކީ ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފު ކުރުމާއި ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވޭ ގޮތެއް ކަމަށް މިިނިސްޓްރީން ބުންޏެވެ.
"މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގުތިސާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެއެވެ." ބަޔާނުގައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ، ޕޭޕަލް ފަދަ ޚިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގިނަކަން ފާހަގަކޮށް، ފަންނީ އަދި މާލީ އެފަދަ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ގައުމުތަކަށް ޒަމާނުއްސުރެ ދަތިތައް އޮތް ކަމަށް ބުނެފައެވެ. އެ ދަތިތަކުން އަރައިގަނެ، ބައިނަލްއަގުވާމީ ޚިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީ، އެތަކެއް ގޮންޖެހުންތަކަކުން އަރައިގެންފައި ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އެ ޚިދުމަތް ތައާރަަފުކުރުމަށް ޕޭޕަލްއާއި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އެހެންކަމުން ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި، އަދި އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މަހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި ޚިދުމަތް ތައާރަފުކުރުމުން ދައްކުވައިދެނީ، މާލީ ސިނާއަތް ވަރުގަދަ ކުރުމަށާއި ދިވެހީންނަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭ މިންވަރު ކަމަށެވެ.
އުރީދޫން ވެސް ވަނީ، އުރީދޫ ފިންޓެކްއާއި ޕޭޕަލްއިން ޕާޓްނާޝިޕެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައެވެ. އެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައިކަން ފާހަގަކޮށް އުރީދޫން ބުނީ، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށެވެ.
އެ ޚިދުމަތުން ފަރުދުންނަށާއި ވިޔަފާރިތަކަށް ވެސް ފައިދާތައް ލިބޭނެކަން ފާހަގަކޮށް އުރީދޫން ވަނީ، މިއީ ޑިޖިިޓަލް އިކޮނޮމީއެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައެވެ.
މިދިޔަ އަހަރު ސައީދު ވިދާޅުވެފައިވަނީ، ގޮންޖެހުންތައް ހުރި ނަމަވެސް، މި އަހަރު ޒަމާނީ ޕޭމަންޓު ސިސްޓަމްތައް ރާއްޖެއަށް ގެނެވޭނެ ކަމަށެވެ. ނަމަވެސް އެ ޚިދުމަތް ތައާރަފު ނުކުރެވި ދިގު މުއްދަތެއް ވުމުން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
މިދިޔަ ޖޫން މަހު މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިންވަނީ، ޕޭޕަލް ރާއްޖެއަށް ތައާރަފުކުރަން މަސައްކަތްތައް ކުރި ނަމަވެސް، އެ ޚިދުމަތް ރާއްޖެއަށް ފުޅާކުރެވިފައި ނުވަނީ ޕޭޕާލް ކުންފުނީގެ ނިންމުމެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އެގޮތުން ޕޭޕަލް ފަދަ ކުންފުނިތަކުން، އައު ގައުމެއްގައި ޚިދުމަތްތައް ފެށުމަށް ނުވަތަ ފުޅާކުރުމުގައި އަމަލު ކުރާ އާންމު އުސޫލުގެ ދަށުން ފީސިބިލިޓީ އެސެސްމެންޓްތައް ހަދާކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ. އަދި ޕޭޕަލްގެ ނިންމުން އޮތީ ރާއްޖެއަށް ޚިދުމަތް ތައާރަފު ނުކުރެވޭނެ ގޮތަށް ކަމަށް، ދޭހަވާ މޭރުމަކުން އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދީފައިވެއެވެ.