އިންޓްގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރި އައްޑޫ ސިޓީ ހަންކެޑެގައި ހަލާލް ޓޫރިޒަމަށް ތަރައްގީކުރަން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢިލް ނިޒާރު ދެކޮޅު ކަން ހާމަކުރައްވައިފިއެވެ.
ހަންކެޑެ މަޝްރޫއަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫއެކެވެ.
މި ސަރުކާރުން ވެސް ކުރިން ނިންމީ ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫއު އިފުތިތާހުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ.
ނަމަަވެސް އެ ނިންމުމާ ދެކޮޅަށް، ސަރުކާރުން މިހާރު ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައަޅައިފައެވެ.
އެކަމާ ގުޅިގެން، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ، ސަރުކާރަށް ނިސްބަތްވާ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވީ، ކުއްލި ބަދަލުތައް ގެނައުމުން އިންވެސްޓަރުންނާއި ބޭންކުތަކުގެ އިތުބާރު ގެއްލޭނެ ކަމަށެވެ.
އޭގެ ފަހުން، މެންބަރު ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހަންކެޑޭގައި ހަލާލް ޓޫރިޒަމް ތައާރަފުކުރަން އޭނާ ވެސް ތަރުހީބު ނުދޭ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން މިއީ، އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަލާލު ޓޫރިޒަމަކީ މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ޚާއްސަކޮށް ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ.
އައްޑޫ ސިޓީ ހަންކެޑޭގައި ތަރައްގީކުރާ ހަލާލް ޓޫރިޒަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މިފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން، މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.