އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފައިވާ، ބައެއް ޚަރަދުތަކާއި ޓެކްސްތަކެއް މަދުކުރުމުގެ ބިލަށް، އެ ސަރުކާރު ވެރިކަމަށް ގެނައުމުގައި އިސްކޮށް އުޅުނު މަހުޖަނު އީލޯން މަސްކް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ޓްރަމްޕްގެ 'ބިގް، ބިއުޓިފުލް ބިލް'ގައި ވަނީ ހަތަރު ޓްރިލިއަން ޑޮލަރުގެ ޓެކްސް ނެގުން ހުއްޓާލައި ގައުމީ ސިއްހީ ނިޒާމު މެޑިކެއިޑާއި ކާބޯތަކެތި ހެޔޮ އަގުގައި ލިބިދޭ ފުޑް ސްޓޭމްޕަށް ކުރާ ޚަރަދުން 1.2 ޓްރިލިއަން ޑޮލަރު ކެނޑުމަށް ހިމަނައިފައެވެ. ނަމަވެސް ގައުމީ ސަލާމަތާއި ބޯޑަރު ހިމާޔަތް ކުރުމުގެ މަސައްކަތަށް 350 ބިލިއަން ޑޮލަރު އިތުރަށް ޚަރަދު ކުރުމަށް، 940 ސަފުހާގެ އެ ބިލުގައި ހިމަނައިފައިވެއެވެ.
އެ ބިލުގެ ސަބަބުން އާމްދަނީ ދަށް މީހުންނަށް ގެއްލުންތައް ލިބި، ދައުލަތުގެ ދަރަންޏަށް 10 އަހަރު ތެރޭ 3.3 ޓްރިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތައް އިސްކޮށްގެން އެކުލަވާލައިފައިވާ އެ ބިލަށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ތެރެއިން ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެ ބިލަށް ކުރިންސުރެ ވެސް ފާޑުކިޔައިފައިވާ މަސްކްވަނީ ޓްރަމްޕްގެ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ދައުލަތުގެ ޚަރަދު ކުޑަ ކުރަން އެކުލަވާލި ޑިޕާޓްމެންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް)ގައި އިސް ދައުރެއް އަދާކޮށްފައެވެ. އެ ޑިޕާޓްމެންޓުގައި އޭނާގެ ދައުރު ނިމުމުން ސަރުކާރުން ވަކިވެފައިވާއިރު، ޓްރަމްޕާއި މަސްކާ ދެމެދު ދައުލަތް ހިންގުމާ ގުޅޭ ގޮތުން ތަފާތުވުންތައް އުފެދި، ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ.
މިފަހަރު ޓްރަމްޕްގެ ބިލަށް ފާޑުކިޔައި މަސްކް ބުނެފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ކަމަށްވާ ސެނެޓުން އެ ބިލު ފާސްކޮށްފިނަމަ، "އެމެރިކާ ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާނެ ކަމަށް ބުނެފައެވެ.
"މި ތާކުންތާކު ނުޖެހޭ ޚަރަދުކުރުމުގެ ބިލް ފާސްވެއްޖެނަމަ އަނެއް ދުވަހު އެމެރިކާ ޕާޓީ އުފެދޭނެ. އަޅުގަނޑުމެންގެ ގައުމު ބޭނުންވަނީ ޑިމޮކްރެޓިކް-ރިޕަބްލިކަން ޔުނިޕާޓީއަށް ބަދަލެއް، އޭރުން ރައްޔިތުންގެ ހަގީގީ އަޑު އިވޭނެ،" މަސްކް އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
އެ ބިލަށް ތާއީދުކުރާ ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް މަސްކް ބުނީ ޚަރަދު ކުޑަކުރުމަށް ކެމްޕޭން ކުރި ނަމަވެސް ބިލަށް ތާއީދުކުރާ މީހުން ލަދު ގަންނަންޖެހޭނެ ކަމަށެވެ.
ޓްރަމްޕްގެ ކެމްޕޭނަށް ވަރަށް ގިނައިން ފަންޑުކުރި އަދި އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި މަސްކް އިތުރަށް ބުނީ އެ ބިލަށް ތާއީދުކުރާ މެންބަރުން އަންނަ އަހަރު ޕްރައިމަރީން ބަލިވާނެކަން ޔަގީންކުރާނެ ކަމަށެވެ.
އެ ބިލް ފާސްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ގައުމުގެ މިނިވަން ދުވަސް ކަމަށްވާ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ ބިލް ފާސްކުރުމަށްވެސް މުހުލަތު ދެއްވައިފައެވެ.
ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިޚާބުގެ ކެމްޕޭނަށް މަސްކް 300 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްފައިވާއިރު، އަމަލީ ގޮތުން ކެމްޕޭނު ހަރަކާތްތަކުގައި މަސްކު ވަނީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައެވެ.