ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 88.7 ޕަސެންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ ސެޕްޓެންބަރުގައި އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިއީ 2019ވަނަ އަހަރު އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީ ކުރުމަށް އޮތީ ނިންމައިފައެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް ކުރަން ވަނީ ނިންމައިފައެވެ.
މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. މި މަޝްރޫއުގެ ތެރެއިން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މުޅި މަޝްރޫއުގެ 88.7 ޕަސެންޓު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލުގެ 83 ޕަސެންޓު މަސައްކަތް ނިމިފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގަރާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓު ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ.
ޓޫރިސްޓުން މާލެއިން ފުރައިގެން ހަނިމާދުއަށާއި އެހެން ރަށްތަކަށް ފްލައިޓުގައި ދަތުރުކުރާނަމަ، އެ ޓިކެޓަށް ކުރަންޖެހޭ ހޭދައިން މާލެ ކައިރީ ގެސްޓްހައުސެއްގައި ހަފުތާއެއްހައި ދުވަހު ހުރެވޭނެއެވެ. އުތުރުގެ ރިޒޯޓުތަކާއި ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު ދަށްވާ ސަބަބަކީ މިއެވެ.
އެހެން ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމި, އިންޓަނޭޝަނަލް ފްލައިޓްތަކުގެ ދަތުރުތައް ގަވާއިދުން ބާއްވަން ފެށުމުން މި ގޮންޖެހުންތަކަށް ހައްލު ލިބޭނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހެދި ހަނިމާދޫ އެއާޕޯޓް އެތައް ޒަމާންތަކެއް ވަންދެން ބޭނުން ކުރަމުން ދިޔައީ ހަމައެކަނި ޑޮމެސްޓިކް ދަތުރުތަކަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2012 ވަނަ އަހަރު ވަނީ އެތަނުގެ ނަން ބޯޑް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކޮށްފައެވެ. ނަމަވެސް ބައިނަލްއަގުވާނީ ދަތުރަކަށް ކުރަމުން އައީ އިންޑިއާގެ ޓްރެވަންޑްރަމަށް ހަފުތާއަކު ދެތިން ފަހަރު ބާއްވާ ދަތުރެއް އެކަންޏެވެ.