އަލް ހިލާލް އަތުން ސިޓީ ލަދުވެތި ގޮތަކަށް ބަލިވެ، މުބާރާތުން ކަޓައިފި

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޭޝިއާއަށް ނިސްބަތްވާ އަލް ހިލާލް އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.

އޯލާންޑޯގެ ކޭންޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު ފަހު 16 ޓީމުގެ ބުރުގެ މި މެޗު އަލް ހިލާލް އިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ހަތަރު ލަނޑު ތިން ލަނޑުންނެވެ.

މި ކާމިޔާބީ އާއެކު އަލް ހިލާލް މިހާރު ވަނީ މި މުބާރާތުގެ ކްއާޓާ ފައިނަލްގެ ޖާގައެއްވެސް ކަށަވަރު ކޮށްފައެވެ. ސިޓީއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ތަކެއް އުފެއްދި މި މެޗު އެ ޓީމުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. އަދި މެޗުގެ ނުވަ ވަނަ މިނެޓުގައި މެޗުގެ ލީޑު ނެގުމާއެކު މި މެޗު ފަސޭހަ ކަމާއެކު އެޓީމުން ކާމިޔާބު ކޮށްފާނެކަމަށް ހީވެގެންދިޔައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ބެނާޑޯ ސިލްވާއެވެ.

މި ހާފުގައި ސިޓީއިން ގިނަ ހަމަލާ ތަކެއް އުފައްދާ ނުރައްކާތެރި ހަމަލާތަކެއް އަލް ހިލާލްގެ ގޯލަށް ފޮނުވާލި ނަމަވެސް ހިލާލް އިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ވުމާއި ކީޕަރު ބޯނޯގެ ހުށިޔާރު ކަމާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފު ވެގެންދިޔައީ ފުރަތަމަ ހާފާއި މުޅިން ތަފާތު ހާފަކަށެވެ. ސިމޯނީ އިންޒާގީގެ ކޯޗު ކަމުގެ ދަށުން ކުޅެމުންދާ އަލް ހިލާލް މި މެޗުގެ ދެވަނަ ހާފަށް ނިކުތީ ވަރަށް ފޯރިއާއި ޖޯށާއެކު މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާއެކުކަން ފުރަތަމަ މިނެޓްގައި ހާމަކޮށްދިނެވެ.

މި ގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ އެއް މިނެޓްގެ ތެރޭގައި އަލް ހިލާލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާކޮސް ލިއޮނާޑޯއެވެ. މި ލަނޑާއެކު ސިޓީގެ ބެންޗުން ބަދަލު ތަކެއް ގެނައުމަށް މަސައްކަތް ފެށި ނަމަވެސް އެ ބަދަލުތައް ނުގެނެވިގެން އުޅެނިކޮށް އަލް ހިލާލްއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި, މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާ އެންމެން ސިއްސުވާލައިފައެވެ.

މި ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެލްކޮމްއެވެ.

ނަމަވެސް އަލް ހިލާލްއަށް މި ލީޑު ދެމެހެއްޓޭވަރުވީ ތިން މިނެޓް ވަންދެނެވެ. ސިޓީއިން ވަނީ އާލިން ހާލަންޑް ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު މި ނަތީޖާގައި އޮވެގެން ދިއުމާއެކު ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އިތުރު ވަގުތުގައިވެސް ސިޓީއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް އަލް ހިލާލްއިން ޑިފެންސް ވަރުގަދައަށް ކުރުމަށްފަހު ކައުންޓާ އެޓޭކްގައި ކުރިއަށްދާ ކޮންމެ ހަމަލާއެއް ވަނީ ސިޓީގެ ޑިފެންސަށް ނުރައްކާވާ ހަމަލާ އަކަށެވެ.

ނަތީޖާއަކަށް ވެގެންދިޔައީ އިތުރު ވަގުތުގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނެޓުގައި އަލް ހިލާލްގެ ޑިފެންޑަރު ކަލީޑޫ ކޯލީބާލީ ޖަހާދިން ލަނޑުން މި މެޗުގައި ދެވަނަ ފަހަރަށް އަލް ހިލާލް މެޗުގެ ލީޑު ނެގުމެވެ.

މި މެޗުގައި ސިޓީއިން އަނެއްކާ ވެސް އެއްވަރު ކުރި ލަނޑު މެޗުގެ 104 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ.

އަލް ހިލާލްއިން ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށް, އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 112 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން މާކޯސް ލިއޮނާޑޯއެވެ.

މި މެޗުގައި ސިޓީއިން 14 ހަމަލާ އަލް ހިލާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލިއިރު އަލް ހިލާލް އިން ފޮނުވާލާފައިވަނީ ހަ ހަމަލާއެވެ. އަދި އޭގެ ތެރެއިން ހަތަރު ހަމަލާ ވަނީ ކާމިޔާބު ކޮށްފައެވެ. މިމެޗުގައި ސިޓީ އަދިވެސް އެ ޓީމުގެ ކުރީގެ ފެންވަރަށް އަދި ނުދާކަން ކަށަވަރު ވެގެންދިޔައިރު ޑިފެންސްގެ ބަލިކަށިކަން ހައްލުނުވާކަން ވެސް ހާމަވެގެންދިޔައެވެ.

މިކާމިޔާބީ އާއެކު އަލް ހިލާލް ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު މިއަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފުލުމިނެންސޭ އާއެވެ.

comment ކޮމެންޓް